ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާކަން އޭސީސީން ކަށަވަރުކޮށްދީފި އެވެ.

އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ އިދިކޮޅު ކޯލިޝަނުންނެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުން އެކަން ހާމަކޮށްފައިވާއިރު އިދިކޮޅުން އޭސީސީއަށް ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ގުޅޭ މައްސަލަތަކެކެވެ.

އިދިކޮޅު ކޯލިޝަނުގެ ގާނޫނީ ޓީމުން ވަނީ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލްތައް ވެސް ހިއްސާކޮށްފައެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވުމާއި އެކު މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް އަމިއްލަ ދަތުރުފުޅުތަކުގައި ދައުލަތުގެ މުދާ ރައީސް ސޯލިހު ބޭނުން ކުރައްވާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ކޮރަޕްޝަންގެ ގާނޫނަށް ރިއާޔަތް ކުރާއިރު ދައުލަތުގެ އެންމެ އިސް ވެރިޔާއަށް ވެސް އަމިއްލަ ބޭނުމަށް ދައުލަތުގެ ފައިސާ ބޭނުން ނުކުރެވޭނެކަން ފާހަގަކޮށް، އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ރައީސް ނަޝީދާއި ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅި މައްސަލައަކީ ދާދިފަހުން އެމަނިކުފާނު ހުވަދު އަތޮޅުގެ ރަށްތަކަށާއި ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ މައްސަލައެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގެ މީޑިއާ އެ ދަތުރުގައި ބޭނުން ކުރައްވައި އެއީ ރަސްމީ ދަތުރުފުޅެއް ކަމަށްބުނެ މަޖިލީހުގެ ރަސްމީ ޓްވީޓާ އެކައުންޓުން ޓްވީޓު ކުރިއިރު އެ ދަތުރުފުޅަކީ ވެސް އަމިއްލަ ދަތުރުފުޅެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ މައްސަލައެއްވެސް ހުށަހަޅާފައި ވާއިރު އެކަމަނާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔުނައިޓެެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ އިންޓީރިއާ އަށް ވަޑައިގެން އެ ތަނުގެ އިންޓީރިއާ މިނިސްޓަރާ ކުރެއްވި ބައްދަލުވުމުގައި އެކަމަނާގެ ދަރިކަލުން ބައިވެރި ކުރި މައްސަލައެވެ.

މި މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާކަން އޭސީސީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ މައްސަލަތައް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހު ކަމަށާއި އެ މައްސަލަތަކާއި މެދު އަމަލު ކުރާނެ ގޮތަކާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ވެސް އޭސީސީން ވަނީ މައުލޫމާތު ދީފައެވެ.