ދައުލަތުގެ އިސްރާފު ކުޑަކޮށްގެން ނޫނީ، ގައުމަށް ތަރައްގީ އާއި ކުރިއެރުން އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މެންބަރު އާޒިމް މިހެން ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ދައުލަތުގެ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ. މެންބަރު އާޒިމް ވިދާޅުވީ، ދައުލަތުގެ އިސްރާފުކުޑަކޮށް ވައްކަން ކުރުން މަދުކުރުމަށްޓަކައި، މިހާރަށްވުރެ ބޮޑަށް ނިޒާމްތައް ވަރުގަދަކުރަންޖެހޭ ކަމަށެވެ.

އެގޮތުން މާލިއްޔަތު ގާނޫނަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަން ފާހަގަކުރައްވައި އާޒިމް ވަނީ މިފަހަކުން ސަރުކާރުން އެއާޕޯޓަށް ފަޔާ ލޮރީއެއް ހޯދާފައިވާ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާފައެވެ. އާޒިމް ވިދާޅުވީ އެކަން އެގޮތަށް ކުރެވިގެންދިއައީ ޤާނޫނުހަދަން ތިބި ފަރާތްތަކުގެ ޒިންމާ އެކުލެވިގެން ކަމަށާއި، އެފަދަ ކަންކަން ކުރުމަށް މަގުފަހިވަނީ ޤާނޫނުތަކާއި ގަވއިދުތައް ހުރިގޮތުން ކަމަށެވެ.

އެގޮތުން މިފަހުން އެއާޕޯޓަށް ފަޔާ ލޮރީއެއް ހޯދަން ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގެ ކަންކަން މެންބަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

"ދާދިމިދާކަށް ދުވަހު ފިނޭންސް މިނިސްޓްރީންލޮރީއެއް ހޯދުމަށް. މި ލޮރީ. (ފޮޓޯއެއް ދެއްކުމަށްފަހު) މި ލޮރީ ހޯދުމަށް އެއާޕޯޓްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓް ކިޔާނެކަމެއްނެއް. މި ލޮރީ ހޯދުމަށް އިއުލާން ކުރައްވައިފި. އިއުލާން ކުރެއްވުމުން ކުރިމަތިލިމީހުން ނުވަތަ ހުށަހެޅި ބިޑްތަކަށް ބަލާއިރުގަ މީގެ އަގަކީ އެއް މިލިއަން ޑޮލަރު. އަޅުގަނޑު ދަންނަވަން މިއުޅެނީ ސަރުކާރު ގޯހަކީ ނޫން މީހަކު ގޯހަކީ ނޫން. އަޅުގަނޑުމެންގެ އެބަހުއްޓޭ ޒިންމާތަކެއް އަޅުގަނޑުމެން އެބަޖެހެޔޭ އިސްރާފުކުޑަކުރުމަށްޓަކާ ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން."
މެންބަރު އާޒިމް

ލޮރީގެ އަގު ބިޑް ހުށަހެޅި ފަރާތްތަކުން މިލިއަން ޑޮލަރުން ޖަހާފައި ހުރިނަމަވެސް، ގޫގުލް ކޮށްލުމުން ވެސް ހަމަ އެ މޮޑެލްގެ ލޮރީއެއް ލިބޭނެ އަގާއި، ލިބޭނެ މުއްދަތާއި ހުރިހާ ކަމެއް ފަސޭހައިން ބަލާލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެގޮތަށް ބަލާލުމުން އެ ބްރޭންޑްގެ ލޮރީއެއް ހަތަރު ލައްކަ ޑޮލަށް ލިބެންހުރި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މާލިއްޔަތު ގާނޫނު މިހާރު އޮތްގޮތުން ދައުލަތަށް ސީދާ ސަޕްލަޔަރު ނުވަތަ މެނިފެކްޗަރަރ އާއި ގުޅައިގެން އެކަން ކުރުމުގެ ފުރުސަތު ނެތްކަމަށާއި އޭގެ ބަދަލުގއި ބިޑށް ހުޅުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ދައުލަތުގެ އިސްރާފު ކުޑަކުރެވޭނެ ގޮތްތަކެއް ބަލަން އެބަޖެެހޭ ކަމަށާއި، އެ ފުރުސަތުތައް ލިބޭނެ ފަދަ ގޮތަކަށް ގާނޫނުތައް އިސްލާހުކުރުން މުހިންމުކަމަށް ވެސް މެންބަރު އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ބިޑް ކުރުމުގެ ކަންކަން ބަލަހައްޓައި ދިރާސާކުރާނެ ވަކި އޮފީހެއް ގާއިމްކޮށް ނޫންނަމަ އެކަމަށް ވަކި ޑިވިޝަނެއް ހަދައިގެން ނަމަވެސް، ދައުލަތުގެ އިސްރާފު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެމަގުން ކަންކަން ނުކޮށް ދައުލަތުގެ އިސްރާފު ކުޑަކުރުމަށް ކަންކަން ނުކޮށް ކުރިއެރުމެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި، ރައްޔިތުންނާއި ކުރިއެރުމާއި ތަރައްގީ ހޯދައިދެވެން އޮތީ ދައުލަތުން ސަރުކާރުން އެފަދަ އިސްރާފުތައް ކުޑަކޮށްގެން ކަމަށްވެސް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދު ހެންވޭރު ދައިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.