ނިމިދިޔަ ސަރުކާރުގައި ކަނޑައެޅި ސިޔާސީ މަގާމުތަކަށްވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް މަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މަގާމުތައް ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 785 ސިޔާސީ މަގާމަށް 331 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވާތީ އެކަމާއި ގުޅުގިގެން އާންމުންނާއި މަޖިލިސް މެމްބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސަރުކާރުގައި ނިމިދިޔަ ސަރުކާރަށްވުރެ ސިޔާސި މަގާމުތައް އިތުރުވިޔަ ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވާއިރު ނިމިދިޔަ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ކަމަށް ރައީސް އޮފީހުން ބުނެފައި ވަނީ 808 އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކާ ގުޅޭގޮތުން ނޫސްތަކުގައި ހަބަރު ގެނެސްފައިވާ ގޮތުން އޮޅުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ސިޔާސީ މަގާމުތައް އިތުރުވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ހޫދު ވަނީ ދެއްވާފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައިވެސް ބަހުސް ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 785 އަކަށް އަރަނީ ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން ހަގީގީ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މަދު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިދިޔަ ޖުލައިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ މަގާމުތައް އިތުރުވަމުންދާ މައްސަލައިގައި ނޫސްވެރިން ސުވާލުކުރުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދުވަހު ވިދާޅުވީ އެހާތަނަށް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 334 ކަމަށެވެ. އަދި އެ އަދަދަކީ ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނާ ގުނާފައިވާ އަދަދެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެހުރިހާ މަގާމެއް ހިމަނައިގެން 785 މަގާމު ހަމަވާކަން މިހާރު ރައީސް އޮފީހުން ވަނީ ހަމަކޮށްފައެވެ.

އެ ދުވަހު ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 465 ކަމަށެވެ. އެ އަދަދަކީ ރައީސް އޮފީހާއި ހިލާލީގެއާއި މުލިއާގޭގައި ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންގެ އަދަދު ނުހިމަނާ ކަމަށެވެ. މިހުރިހާ ތަނެއްގައި ހިމެނޭ ބޭފުޅުންނާއެކު ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 808 އަރާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.