ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ) ގެ ރައީސް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަދި އެ ކޮމިޝަންގެ މެންބަރު ހިސާން ހުސެއިން އައްޔަން ކުރަންވަން ނިންމަވައިފި އެވެ.

ޖޭއެސްްސީގެ ރައީސް ކަމަށް ހިސާން އައްޔަންކުރައްވަން އެ ކޮމިޝަނުން ނިންމެވީ، ޖޭއެސްސީގެ ރައީސްކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސް ކަމަށް އަންހެން ބޭފުޅަކު ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރުކަމަށް މައުލޫމާތުލިބެއެވެ. އަދި މިއަދާއި ހަމައަށް ކޮމިޝަންގެ ރައީސް އަދާކުރައްވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެވަގުތަކު ހުންނަވާ ބޭފުޅެކެވެ.

އަރީފު އިސްތިއުފާދެއްވިސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ސިއްހީ ހާލު ތަން ނުދިނުމާއި އަމިއްލަ ބައެއް ސަބަބުތަކެވެ. ނަމަވެސް މިދަނޑިވަޅަކީ ޖޭއެސްސީން ފަނޑިޔާރު އަރީފުގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެކެވެ.

މީގެ އިތުރަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަތައް ވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އަދި އެ ދެ ބޭފުޅުން ސަސްޕެންޑްކޮށް އަި ވަކިކުރަން ޖޭއެސްސީ ވަނީ ނިންމާފައެވެ.

ޖޭއެސްސީގެ ބެންޗްގައި 10 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، މީގެ އިތުރަށް އުއްތަމަ ފަނޑިޔާރު ފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވާ ބޭފުޅަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާ މެންބަރެއްގެ އިތުރަށް ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބު އެވެ.