މ. ކޮޅުފުށީގައި މަގުބައްތި ޖެހުމަށް އިންޑިއާއިން ދޮޅު މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން މުލަކު އަތޮޅު ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ދޮޅު މިލިއަން ދިވެހި ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންނަށް ޚާއްސަކޮށް އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމަށްޓަކައި މަގުބައްތި ހަރުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް ކޮޅުފުށިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގުބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއަކީ ރާއްޖެއާ ޒަމާންވީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވާއިރު އިންޑިއާއިން ގެންދަނީ އެގައުމުން ދޭ ހިލޭ އެހީގެ ދަށުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވީ މިއަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އޮގަސްޓް މަހުގެ ކުރީކޮޅު ސުޝްމާ ވަނީ އަވަހާރަވެފައެވެ.