ދިވެހިންނަށް ދުބާއީން އެޕާޓްމަންޓު ގަތުމާއި ދިރިއުޅުމުގެ ފުރުސަތު ވަރަށް ހެޔޮ އަގެއްގައި ހުޅުވާލައިފިއެވެ.

ދުބާއީގެ އެންމެ ފުންނާބު އުސް ޕްރޮޕަޓީ ޑިވެލޮޕަރ ކަމުގައިވާ ދަމަކް ޕްރޮޕަޓީސްއިން ދުބާއީގައި ތަރައްގީ ކުރާ ވިލާތަކާއި، މެންޝަންތަކާއި އެޕާޓްމަންޓުތަކުގެ ތެރެއިން "ދަމަކް ހިލްސް" މި ނަމުގައި ތަރައްގީ ކުރާ ޕްރޮޕަޓީތައް ގަތުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައި އެކަން ޕްރޮމޯޓު ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް މިހާރު މިވަނީ ފަށާފައެވެ.

ދަމަކް ތަމްސީލްކުރާ ފަރާތްތައް ރާއްޖެ އައިސް ދިވެހިންނަށް މިކަމުގެ މައުލޫމާތުތައް ފޯރުކޮށްދެމުންދާއިރު ދަމަކް އިން މައުލޫމާތު ދިން ގޮތުގައި ދުބާއީން އެޕާޓްމަންޓް ގަތުމަށް ދިވެހިންނަށް ހުޅުވާލާފައިވަނީ ވަރަށްވެސް ހެޔޮ އަގެއްގައެވެ. އެގޮތުން 5000 ޑޮލަރު ޚަރަދުކޮށް ދެ ފަރާތަކަށް ދުބާއީއަށް ދިއުމާއި 3 ދުވަހުގެ ހުރުމާއި ކެއުން ހަމަޖައްސައިދީ އެޕާޓްމަންޓުތައް ދޫކުރާ ސަރަހައްދު ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެޕާޓްމަންޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ޑައުންޕޭމަންޓު ދެއްކުމަށްފަހު 3 އަހަރުގެ މުއްދަކަށް ބާކީ އަދަދު ބަހާލައިގެން ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ 50 އިންސައްތައިގެ ލޯނުވެސް ދުބާއީ ބޭންކުތަކުން ދިވެހިންނަށް ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ދަމަކްއިން ވަނީ މައުލޫމާތު ދީފައެވެ.

ދަމަކްގެ ފަރާތުން ދިވެހިންނަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު މި ހަރަކާތްތައް ކުރިޔަށް ގެންދަނީ މިމަހުގެ 13 އަދި 14 މި ދެދުވަހު މާގިރި ހޮޓެލްގައެވެ. ދުބާއީން އެޕާޓްމަންޓު ގަނެ އިންވެސްޓް ކުރުމަށް ބޭނުންވާ ހުރިހާ ބޭފުޅުނަށްވެސް މީގެ އިތުރު މައުލޫމާތުތަކާއި ހުރި ފުރުސަތުތައް ހޯދުމަށް ދަމަކްގެ އިސްވެރިންނާއި ދަމަކް ތަމްސީލް ކުރާ ފަރާތްތަކާއި ބައްދަލުކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.