އަބަދުވެސް ދިވެހިންނަށް އިވޭ އެއްވާހަކަ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްނުކުރާ ވާހައެވެ. އަދި އެފަދަ ވިޔަފާރިތައް މުޅިން ބާކީކޮށް، ކުރިއެރުމަށް އެއްވެސް މަގެއް ނުފެއްނަ ވާހަކައެވެ. އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެހީވެދިނުމަށްވެސް ގިނަ ބަޔަކު އެދެމުންދިއައެވެ.

މިސަރުކާރުގެ އެއް ވައުދު ކަމުގައިވާ އެންމެ ކުދި ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސައިދިނުމުގެ ވައުދުގެ ދަށުން އުފެއްދި އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ވުޖޫދުވުމާއެކު، ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއްދޭކަން ފާހަގަކުރެވުނެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް ދޫކޮށްފައިވާއިރު، އެސްއެމްއީ ބޭންކް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެއާއެކު ކުދިއަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯނުތައް ދޫކުރަން ފެށިއެވެ.

އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ހުޅުވާލުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ލޯނަށް އެދި ހުށައެޅިތަން ފެނިގެންދިއައެވެ. އަދި ގިނަ ބައެއްގެ ތައުރީފްވެސް އެސްޑީއެފްސީއަށް ލިބިގެންދިޔައެވެ. އެގޮތުން ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓްރޭޑް ޔޫނިއަންގެ ނައިބްރައީސް ސައުދުﷲ އަހްމަދު ވިދާޅުވީ ވަކި ސިޔާސީ ފިކުރެއްނެތި، ވަރަށް ހަމަހަމަކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ތަން މިހާރު ފެންނަމުންދާ ކަމަށެވެ.

ސައުދުﷲ ވިދާޅުވީ އެސްއެމްއީ ބޭންކުގެ އެހީގައި އެތައް ވިޔަފާރިތަކެއް ކުރިއަރަމުން އައިސް މުޖުތަމައުގެ ތެރޭގައި އެފައިސާ ބޭނުންކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. ކޮންމެ ގައުމެއްގެވެސް އިގްތިސާދީ ދާއިރާ ރަނގަޅު ކުރަން ބޭނުންނަމަ އެގައުމެއްގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުންކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ ރާއްޖޭގައި މީގެކުރިން މިފަދަ ކަންކަން ކުރާތަން ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވުމާއެކު މިހާރު ބަދަލު ފެނި، ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުދިއަދި މެދު ފަންތީގެ ވިޔަފާރު ކުރިއެރުވުމަށް މިއަހަރު ގިނަ ލޯން ސްކީމްތަކެއް ތާރަފްކޮށް، އެތައް ވިޔަފާރިވެރިންނަކަށް ލޯނު ދޫކޮށްފައިވާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޑީއެފްސީ އަށް 450 މިލިއަން ރުފިޔާ ދިނުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރު ވެސް މިފަދަ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރާނެ ކަމަށެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ އަމީރު

އެސްޑީއެފްސީ އަށް ދިނުމަށް ބަޖެޓުގައި ހިމެނި 450 މިލިއަން ރުފިޔާގެ ތެރެއިން 400 މިލިއަން ރުފިޔާ އަކީ ކެޕިޓަލްގެ ގޮތުގައި އެ ބޭންކަށް ދޭން ނިންމާފައިވާ އަދަދެވެ. އިތުރު 50 މިލިއަން ރުފިޔާ އަކީ އެސްއެމްއީ ގާނޫނުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް އިންވެސްޓްކުރާ އަދަދެވެ. އެސްޑީއެފްސީ އަށް ކެޕިޓަލްގެ ގޮތުގައި 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާ ދޫކުރާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ތިން އަހަރު ކެޕިޓަލް ދޫކޮށް ސަރުކާރަށް ބަރޯސާނުވެ ލޯނު ދޫކުރެވެނެ ފަންޑެއް އެ ކުންފުނީގައި ގާއިމް ކުރުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެސްއެމްއީއަށް ހާއްސަކޮށްގެން ވަކި ބޭންކެއް ސަރުކާރުން އުފެއްދީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއްދީ، ކުރިއެރުވުމުގެ މަގްސަދުގައެވެ. މީގެއިތުރުން ވިޔަފާރިވެރިންނަށް ބޭނުންވާ ފަންނީ އެހީ އެ ބޭންކުން ފޯރުކޮށްދޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

އެސްޑީއެފްސީން ލޯނު ދޫކުރަނީ ރާއްޖޭގައި ހިދުމަތްދޭ އެހެން ބޭންކްތަކަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ. ރާއްޖޭގައި މިހާރު ހިންގަމުންދާ ގިނަ ބޭންކްތަކަކީ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ ބޭންކްތަކަކަށް ވުމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ނެގުމުގައި ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. އެހެންކަމުން އެސްއެމްއީ ބޭންކެއް ރާއްޖޭގައި ގާއިމުވެގެން ދިއުމުން ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ. އަދި މިކަމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލެއާއި އައްޑޫގެ އިތުރަށް ފުވައްމުލައް ހިމެނޭ ގޮތަށް މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް އިންސައްތައިގެ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.