އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައިސް ޕްލާންޓް އަޅަން ނިންމާފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މިއައިސްޕްލާންޓްތައް ޤާއިމްކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ބީލަމުގެ އުސޫލުން ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރި މިޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިޢާއެވެ. ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި މިޕްރޮޖެކްޓް ޙަވާލުކޮށްފައިވަނީ ޖުމްލަ 7,992,529.30 ރުފިޔާ (ހަތް މިލިއަން ނުވަ ލައްކަ ނުވަދިހަ ދެހާސް ފައްސަތޭކަ ނަވާވީސް ރުފިޔާ ތިރީސް ލާރި ) އަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ދެރަށުގައި އަޅަން ނިންމާފައިވަނީ 25 ޓަނުގެ އައިސްޕްލާންޓެވެ.