މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އާއްމުކުރި ރިޕޯޓަކާ ގުޅިގެން މުޅި ގައުމު ހަލަބޮލި ވުމަށްފަހު، ޖަމްއިއްޔާ އުވާލުމާ ގުޅިގެން މިހާރު މިވަނީ ކޮންމެެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެހެންނަމަވެސް މިއީ ހަމަ އެފަދަ ކަމެއް ކުރި ބަޔަކަށް އެންމެ ހައްގު އަދަބުތޯ ސުވާލު އުފެދެއެވެ.

އެމްޑީއެން އުފެދިގެން އައި ގޮތަށް ބަލާއިރު، އެޖަމިއްޔާ ފުރަތަމަ އުފެދިގެން އައީ ދިވެހިން ޚާއްސަކޮށް، އެމްޑީޕީ މެމްބަރުން ފާހަގަކުރާ "ކަޅު ހުކުރު" ދުވަހާ ގުޅުވައިގެންނެވެ. ކަޅު ހުކުރަކީ މީގެ ފަނަރަ ވަރަކަށް އަހަރު ދުވަސް ކުރިން އައި ދުވަހެކެވެ. އެއީ 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހެވެ. އެއީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ، އިސްލާހަށް ގޮވާލައި ފާޅުކަން ބޮޑު ގޮތެއްގައި ދިވެހިން ތެދުވި ފުރަތަމަ ފަހަރު ކަމަށް ވެއެވެ. އެދުވަހު ގާތްގަނޑަކަށް 300 އެއްހާ މީހުން ހައްޔަރުކުުމާއި، އޭރު ޖަލުތަކުގައި އަނިޔާ ދެމުންދާ ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ، އެމްޑީއެން ނުވަތަ އޭރުގެ ނަމުންނަމަ މޯލްޑިވްސް ޑިޓެއިނީ ނެޓްވޯކް އުފެދުމާ ގުޅުވާލެއެވެ.

އެހެންނަމަވެސް ރަސްމީ ގޮތެއްގައި އެމްޑީއެން ރަޖިސްޓަރީ ކުރެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. އެމްޑީއެން އަކީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ދިފާއުކުރުމަށް ވަކާލާތުކުރުމަށް ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ޖަމްއިއްޔާއެވެ. ޖަމްއިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ޑިމޮކްރަސީއާ މެދު އާންމުން އިތުރަށް ހެލުންތެރިކުރުވުމަށް އެޖަމްއިއްޔާގެ ނަން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް މިނަމަށް 2010 ވަނަ އަހަރު ވަނީ ބަދަލުކޮށްފައެވެ.

އެމްޑީއެންގެ އަޑު ގަދަވެގެން އައީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މާތް ﷲ އަށާއި ކީރިތި ރަސޫލާއަށް ފާޑުކިޔާފައިވާ " ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓް ފެންމަތިވި ހިސާބުން މުޅި ގައުމު ހިލުވާލިއެވެ. ދީނީ އިލްމުވެރިންނާއި، ސިޔާސީ އިސް ބޭފުޅުންނާ ހަމައިން ފެށިގެން އާދައިގެ ރައްޔިތުމީހާއާއި ތަންދޮރު ރޯފިލާވަރުގެ ދަރިވަރުންގެވެސް ލޭކެކެން ފެށިއެވެ. އެރިޕޯޓާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމީހަކަށް ގޮވާލެވުނު ގޮތަކަށް ގޮވާލުމަށް ފެށިއެވެ. ކައުންސިލްތަކުން ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރެން ފެށުމާއެކު، ރިޕޯޓުތައް ނުނެރޭ ކައުންސިލްތަކަށް، އެކަން ކުށްވެރިކޮށް ބަޔާން ނެރުމަށް އާންމުން ޕްރެޝަރު ކުރަމުން ދިޔައެވެ. މިއާއެކު ހިތްހަމަނުޖެހުންތަކާއެކުވެސް އަނިޔާވެރިނުވުމަށް އިލްމުވެރިން ދިޔައީ ގޮވާލަމުންނެވެ.

( މާލެ ، 14 އޮކްޓޯބަރު 2019 ) -- މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާމެދު ދީނީ އިލްމުވެރިން ނުރުހުން ފާޅުކުރުން -- ވީފޮޓޯ : އަހުމަދު ޝުރާއު

ޖަމްއިއްޔާއާ މެދު ފިޔަވަޅުއެޅުން ލަސްވެގެން ދިޔަ ކޮންމެ ދުވަހަކީ ސަރުަކާރަށް އިތުރު ޕްރެޝަރުތައް ކުރިމަތިވަމުން ދިޔަ ދުވަހެކެވެ. ސަރުކާރަށް އަހަރެއް ފުރުމާ ގާތްވަމުން އަންނައިރު މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ގައުމީދުވަސް އައީވެސް ޖަމްއިއްޔާއާމެދު ހަރުދަނާ ފިޔަވަޅެއް ނޭޅި އުޅެނިކޮށެވެ. ގައުމީދުވަހުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅު އެކީ އެކައްޗަކަށް އެރިޕޯޓާ ގުޅުވައިގެން ރާއްޖެއަށް ކުރިމަތިލާން ޖެހިފައި އޮތް ހާލަތާ ގުޅުވާލެއްވިއެވެ.

އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ގޮތްތައް، ޢާންމު ދިރިއުޅުމުގެ ތެރެއަށް އެބަ ވައްދާ. ދީނުގެ ދިފާޢުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުން އެބަދޭ. އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރަމުން އެބަދޭ. މިއަދު އެއްފަހަރާ އެއްއަޑުން އަޅުގަނޑުމެން އެންމެން މިކަންކަމަށް ނޫނެކޭ ބުނަން އެބަޖެހޭ. މިކަންކަން ފެށިގެން އައިއިރު، މި ރާއްޖޭގެ ވެރިކަމުގައިވެސް ބަޔަކު ތިބި. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަން އެބަޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީއެންއާމެދު ހަރުދަނާ ފިޔަވަޅެއް އެޅުނީ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. އެމްޑީއެން އުވާލުމަށް ނިންމީއެވެ. އެމްޑީއެން އުވާލިކަން ހާމަކުރިއިރު އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޖަމްއިއްޔާގެ މެންބަރު ޝަހިންދާ އިސްމާއީލަށާއި، އަދި ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އަޒްރާ ނަސީމަށް ފުލުހުންގެ އިދާރާއިން ވަނީ ޗިޓް ފޮނުވާފައެެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ރާއްޖޭގައި ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަގީންކަމެއްނެތް ކަމަށް ފާހަގަކޮށް، ރާއްޖެ އައުމަށް އުޒުރުވެރިވާ ކަމަށް އަޒުރާ ނަސީމް ވަނީ ފުލުހުންގެ އިދާރާއަށް އަންގާފައެެވެ. ނަމަވެސް ރާއްޖެ ނައުމުން އަޅާނެ ފިޔަވަޅަކީ ކޮބައިކަމެއް މިހާތަނަށް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ޖަމްއިއްޔާ އުވާލި ނަމަވެސް ސޯޝަލް މީޑިއާގައި ޖަމްއިއްޔާގެ އެކައުންޓު ފެންނަނީ އަދިވެސް ހަރަކާތްތެރިކޮށެވެ. އަދި މި މައްސަލާގައި ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ ޖަމްއިއްޔާއާ ގުޅުންހުރި މީހުންގެ ހަރަކާތްތެރިކަން ވެސް ކުޑައެއް ނޫނެވެ.

އެމްޑީއެން އުވާލި ދުވަހު އިދިކޮޅު ކޯލިޝަނުން ޕްރެސްއެއް ބާއްވައި އެހިސާބުން ނިމުނީ ނޫން ކަމަށާއި، އެކަމުގައި ހަރަކާތްތެރިވި މީހުންނަށް އަދަބު ދޭންވާނެ ކަމަށް ބުންޏެވެ. އެކަމަކު އެއަށްފަހު އިދިކޮޅު ކޯލިޝަނުންވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.

ﷲ އަށް ފާޑުކިއުމުން އެބޭފުޅުންނަށް ކަންބޮޑުވުމަކަށް ނުވި. ރަސޫލާއަށް ހަޖޫޖެހުމުން ކަންބޮޑެއް ނުވި، މިއިން އެއްވެސް ކަމަކާ ފިޔަވަޅެއް ނާޅާ ދެން މިއަދު ކުއްލިޔަކަށް މިހާރު ސަރުކާރުން އެމްޑިއެން އުވާލަން ނިންމައިފިއޭ ނުވަތަ އުވާލައިފި އޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީއެން އުވާލުމަކުން އަދި ނުފުދެ އޭ. އެ ރިޕޯޓް ލިއުނު ފަރާތްތަކާއި މެދުގައި އިސްލާމް ދީނުގައި ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދޭންޖެހެ. އެގޮތަށް ތަންތަން އުވާލައިގެން މައްސަލަ ބަލަން ނުޖެހޭނަމަ ހައިލަމް ސަސްޕެންޑު ކުރުމުގެ ބޭނުމެއްނެތް. ކުރިމިނަލް ކޯޓު އުވާލީމަ ނިމުނީ ނޫންތޯ
އަބްދުއްރަޙީމް އަބްދުﷲ

އެމްޑީއެން އުވާލުމަށް ގޮވާލައި އެތައް ބަޔަކު އިހުތިޖާޖުކޮށް، ސަރުކާރަށް ޕްރެޝަރު ކުރުމަށް ގިނަ ބަޔަކު ނިކުތް މަންޒަރު ފެނުނެވެ. ކުރިމަތިކުރުވި ޕްރެޝަރުތަކުގެ ސަބަބުން ޖަމްއިއްޔާ ސަސްޕެންޑްކޮށް، އުވާލި މަންޒަރު ފެނުނެވެ. އެހެންނަމަވެސް، ރިޕޯޓު ނެރުމުގައި ބައިވެރިވި މީހުންނާމެދު ފިޔަވަޅު ނޭޅޭނަމަ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.