ރައީސް މައުމޫން އިސްވެ އުފައްދަވާފައިވާ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަކީ މިސަރުކާރު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ސިޔާސީ ހަރަކާތެކެވެ. މި ހަރަކާތުގެ ނަން މޯލްޑިވްސް ރިފޯމް މޫވްމެންޓަށް ބަދަލުކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގައި މިހާރު އޮތީ އެންމެ ފަހު މަރުހަލާގައެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެމްއާރުއެމް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު ބައެއް މުހިންމު މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަން ކުރައްވާފައެވެ. އެގޮތުން ޕާޓީގެ އިންތިގާލީ ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ޕާޓީގެ ބާނީ ރައީސް މައުމޫނެވެ.

އެމްއާރުއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ އެމްއާރުއެމްގެ އަމާޒަކީ އިސްލާމީ އަގީދާގައި ސާބިތުކަމާއެކު ތިބެ، މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ޑިމޮކްރެސީ ވަރުގަދަކޮށް، ރައްޔިތުން ބާރުވެރިކޮށް، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބުން ލާޒިމުކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށެވެ.

އެމްއާރުއެމްގެ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވީނިއުސްއަށް ވިދާޅުވީ އެމްއާރުއެމްއަކީ ފެށުނީއްސުރެ އިސްލާހަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އެމްއާރުއެމްއަކީ އަބަދުވެސް ހަމަހަމަކަމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށް އަލީމް ވިދާޅުވިއެވެ. އެމްއާރުއެމްގެ އަސާސީ ގަވާއިދުގައިވެސް ޕާޓީގެ ކައުންސިލުން ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަ މަގާމުތަކެއް ކަނޑައެޅިފައިވާނެ ކަމަށާއި އެމަގާމުތަކަށް އެހެން ބަޔަކަށް ކުރިމަތިނުލެވޭނެ ކަމަށް އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ އެމްއާރުއެމްއިން މިހާރު މަސައްކަތް ފަށާފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރަށްރަށުގައި ތިބި ޕާޓީގެ މެމްބަރުންނާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

ޕާޓީގެ މަސައްކަތް ދެން ކުރިއަށް ދާނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް. ސާވޭ ކުރުމާއި ޕާޓިގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ
އަބްދުލް އަލީމް

އަލީމް އިތުރަށް ވިދާޅުވީ އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަންގެ އެއްޕާޓުނަރު ކަމަށާއި ޕާޓިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުން ދާނީ ސަރުކާރާއި ގުޅިގެން ކަމަށެވެ.

އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ލޯގޯއާއި ޕާޓީގެ ކުލަވެސް ވަނީ ފާސްކޮށްފައެވެ. ޕާޓީގެ ކުލައަކީ ފެހިކުލައާއި ރަންކުލައެވެ. މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ދިވެހި ނަމުގެ ގޮތުގައި ދިވެހިންގެ އިސްލާހީ ހަރަކާތް ވަނީ ފާސްކޮށްފައެވެ.

ޕާޓީގެ ލޯގޯ އަކީ ޒުވާނުންނަށް ފެހި ފުރުސަތުތަކެއް ހުރިކަން ރަމްޒުކޮށްދޭގޮތަށް ތީރެއްގެ ބައްޓަމަށްވާ ލޯގޯއެކެވެ. މިލޯގޯ އަކީ 3ޑީ ލޯގޯ އަކަށްވާއިރު މިއީ 3ޑީ ލޯގޯއެއް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީއެވެ. މައުމޫން އެންމެ ފުރަތަމަ އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެއަށްފަހު ޕްރްގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވިއެވެ.

އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ ބާއްވާއިވާއިރު، އިލެކްޝަންސް ކޮމިޝަނުން އަދި އެޕާޓީއަށް ރަޖިސްޓަރީ ހަވާލެއްނުކުރެއެވެ. ރަޖިސްޓަރީ ހަވާލުކޮށް ސިޔާސީ ޕާޓީގެ ދަފުތަރުގައި ހިމަނާނީ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި ހުރިހާ އިޖުރާއަތެއް ފުރިހަމަވުމުންނެވެ.