ވެކްސިނަކީ ބަލިތަކުން ދިފާއުވުމަށް ދެމުންދާ އެއްޗެެކެވެ. އެތައް ބަލިތަކެއް ވެކްސިންގެ ސަބަބުން މި ދުނިޔެއިން ނައްތާލެވިފައިވާއިރު އެތައް ބަލިތަކަކަށް ޝިފާވެސް ވަނީ ހޯދިފައެވެ.

މިފަހުގެ ތާރީޚުގައި ޑޮކްޓަރީބޭހަށް އައި އެންމެ ބޮޑު ކާމިޔާބު އިންގިލާބަކީވެސް ވެކްސިންކަން ގިނަ ޑޮކްޓަރުން ގަބޫލުކުރެއެވެ. ނަމަވެސް މިކަމާ ދެކޮޅުހަދާ ބަޔަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ރާއްޖޭގައިވެސް ވެކްސިންއާއި ދެކޮޅު ބަޔަކު ތިބިކަން މިއީ ހިތާމައާއި އެކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

މިފަދަ މަދު ބައެއްގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ނައްތާލެވިފައިވާ ބަލިތައް އެގައުމުތަކުގައި މިހާރު ފެތުރެމުންދާއިރު ރާއްޖެއިންވެސް ނައްތާލެވިފައިވާ ގިނަ، ނުރައްކާތެރި ބަލިތައް އަލުން މި މުޖުތަމައަށް އައުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް އެކަމާ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރެއެވެ.

މިއަދު މަޖިލީހުން ފާސްވެގެންދިޔަ ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށްފައިވާ ބިލު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ އާ ބިލުގެ ސަބަބުން މިކަމަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުކުރެވެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލްް ފާސްވެފައިވަނީ 66 މެންބަރުންގެ ވޯޓުންނެވެ.

ކުޑަކުދިންނަށް އަޅާނުލައި އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނާއި އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅޭގޮތަށް ބައްޓަންކޮށްފައިވާ މި ބިލުގައިވާގޮތުން ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް މި ބިލުގައި ވެއެވެ.

ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާއާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއާއި ކުއްޖާއާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ވަނީ މި ބިލުގައި ހިމަނާފައެވެ.

ބިލުގައިވާ އިތުރު ކަންތައްތަކަށް ބަލާއިރު އުމުރުން 18 އަހަރު ވުމަށްފަހުގައިވެސް އުމުރުން 18 ވަނަ އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެކުއްޖަކަށް ދޭންވާނީ، އެ ކުށަށް ދެން ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިންބަޔަށް ވުރެ ބޮޑު ނޫން އަދަބެއް ކަމަށް ވަނީ ބުނެފަ އެވެ.

އަދި 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް ބިލުގައި ވެއެވެ.

ކުއްޖަކަށް ނުރައްކާވާ ހާލަތުގައި ކޯޓު އަމުރެއް ނެތި އެތަނަކަށް ވަދެވޭނެގޮތަށްވެސް މި ބިލުގައިވެއެވެ.

އެގޮތުން ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އަދި އެކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް، އަދި ސޯޝަލް އިންކުއަރީ އާއި އެސެސްމަންޓް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ވަނީ ދީފައެވެ.

އޭގެ އިތުރުން ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ވެދާނެ ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެތަނަށް ވަދެވޭނެ ކަމަށް ވެސް މި ބިލުގައި ބުނެއެވެ.

ކުއްޖާ ބެލުން ވަގުތީ ގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ހަޟާނާތު ދެމިގެންދާފަދަ ގޮތަކަށް ވަގުތީ ގޮތުން ހަވާލުކުރުމަށް ކަމަށް ބިލުގައި ހިމަނާފައިވާއިރު އެކުއްޖާ ދައުލަތަށް ނަގާނީ އެންމެ ފަހު ފިިޔަވަޅެއްގެ ގޮތުގައި ކަމަށްވެސް މި ބިލުގައި ކަނޑައަޅާފައި ވެއެވެ.

އަދި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ގޮތުގެ ތަފްސީލުވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން މެނުވީ އޯލްޓަނޭޓިވް ކެއާއަށް ކުއްޖަކު ބަދަލު ނުކުރަންވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ކުދިންނަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓު ނުކުރުމަކީ ވެސް ކުށެއްކަން މި ބިލުގައި ކަނޑައަޅާފައިވާއިރު ގިނަ ކަންތައްތަކުން ކުޑަކުދިންނަށް ވަނީ މި ބިލުގެ ދަށުން ރައްކާތެރިކަން ލިބިފައެވެ.

އަދި ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންގެ ޒިންމާތަކާއި، ބެލެނިވެރިންގެ ޒިންމާތަކާއި، ދައުލަތުގެ ޒިންމާތަކާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލުގެ ދަށުން 18 އަހަރު ދަށުގެ ކުދިން ކައިވެނިކޮށްދިނުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އަދި އުމުރުން 16 އަހަރު ނުވާ ކުއްޖަކު އެކުއްޖާގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ގެންގުޅުމަކީ މަނާ ކަމެކެވެ.

ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް މި ބިލުގައި ވަނީ ބުނެފައެވެ.