އުންގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތަކާއި ބެހޭ ކޮމިޝަނުން ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ރިޕޯޓު އެމަނިކުފާނު ކަމާބެހޭ އިދާރާތަކާ ހިއްސާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށާއި ފުލުހުންގެ އިދާރާއާއި ކައުންޓަ ޓެރަރިޒަމް ޔުނިޓް އަދި ރައްޔިތުންގެ މަޖިލީހަށެވެ. އަދި މި ރިޕޯޓުތައް ފޮނުއްވާފައިވަނީ މިއަދު ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގު ނިންމައި، އެ ތަހުގީގުގެ ރިޕޯޓް ރައީސަށް ފޮނުވާފައިވީނަމަވެސް ތަހުގީގާ ގުޅޭ ތަފސީލުތައް ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިދިޔަ އާދީއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވެސް ރައީސް ވަނީ، އަފްރާޝީމުގެ މަރުގެ ފައިނަލް ރިޕޯޓް އެމަނިކުފާނަށް ލިބވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރިޕޯޓު ކަމާބެހޭ އިދާރާތަކާ ހިއްސާކުރައްވާނެ ކަަމަށާއި ރިޕޯޓުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިމަތިންނެވެ. އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.