ޔޫރޯ ކޮލިފައިންގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު 6-0 އިން ލިތުއޭނިއާ ބަލިކޮށް އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމާ ގާތަށް ޕޯޗުގަލް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ޕޯޗުގަލްއިން ރޭ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ގޯލް ޖަހާ ލީޑު ހޯދައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ މި ގޯލް ކާމިޔާބުކުރިއިރު، 22 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ލީޑު ފުޅާކޮށްދީފައެވެ.
ޕޯޗުގަލްގެ ތިންވަނަ ގޯލް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޖަހައިދިނީ ޕިޒީއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޕަކިއެންޝާ ޕޯޗުގަލްގެ ހަތަރުވަނަ ގޯލް ޖެހިއިރު، އެޓީމުގެ ފަސްވަނަ ގޯލް 63 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސިލްވާ އެވެ. އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ޕޯޗުގަލްއާއެކު ރޮނާލްޑޯ ރޭ ކާމިޔާބުކުރި 9 ވަނަ ހެޓްރިކާއެކު، ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ޖަހައިފައިވާ ގޯލުގެ އަދަދު މިހާރު ވަނީ 98 އަށް އަރާފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީގެން އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ވަނީ ރެކޯޑާ ހަަމަކުރަން ރޮނާލްޑޯ އަށް ބޭނުންވަނީ އެންމެ 11 ގޯލެވެ.
ކޮލިފައިން ގްރޫޕް ބީ އިން މި ވަގުތު ޔޫރޯގެ ޖާގަ ކަށަވަރުކޮށްފައިވަނީ އެއްވަނައިގައި އޮތް ޔޫކްރޭނުންނެވެ. ޔޫކްރޭނަށް ވަނީ 7 މެޗުން 19 ޕޮއިންޓު ލިބިފަ އެވެ. ދެވަަނައިގައި ޕޯޗުގަލް އޮތީ 7 މެޗުން 14 ޕޮއިންޓު ހޯދައިގެންނެވެ. ތިނވަނައިގައި އޮތީ ރޭ 3-2 އިން ލަގްޒަމްބާގް ބަލިކުރި ސާބިއާ އެވެ. ސާބިއާ އަށް 7 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
ޔޫރޯ އަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމެވެ. ތިންވަނަ އަށް ދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.