ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ތުރުކީ އަދި އިންގްލެންޑް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

މި 3 ޓީމާއެކު މިހާތަނަށް ވަނީ 10 ޓީމެއް މުބާރާތުގެ ޖާގަ ހޯދައިފަ އެވެ. އެއީ ސްޕެއިން، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން، ރަޝިއާ އަދި ޗެކް ރިޕަބްލިކް އެވެ.

ފްރާންސްއިން ރޭ ވަނީ އަމިއްލަ ގައުމުގައި މޮލްޑޯވާ އަތުން 2-1 އިން މޮޅުވެފައެވެ.

ރޭ ކުޅުނު ި މެޗުގައި މޮލްޑޯވާ އިން ވަނީ ފްރާންސް ހާސްކޮށްލުމަށް ފަހު މެޗުގެ 9 ވަނަ މިނެޓުގައި ލީޑޔ ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ވަޑީމް ރަޓާ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިފެންޑަރު ރަފައެލް ވަރާން ކާމިޔާބުކުރި ގޯލާއެކު ފްރާންސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ފްރާންސް މޮޅުކޮށްދިން ގޯލް ޖެހީ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ.

މި މޮޅާއެކު ފްރާންސް ވަނީ ކޮލިފައިން ގްރޫޕް އެޗް ގެ އެއްވަނައަށް ޖެހިލާފައެވެ. ފްރާންސަށް 9 މެޗުން 22 ޕޮއިންޓު ލިބިފައިވާއިރު، ތުރުކީ ދެވަނައަށް ވެއްޓުނީ ރޭ ކުޅުނު މެޗުން އައިސްލެންޑާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

ތުރުކީ އާއި އައިސްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން ---

ރޭ އަމިއްލަ ގައުމުގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ނަމަވެސް، ތުރުކީ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގައެއް ހޯދާފައެވެ. ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން މި މެޗު ބައްލަވާލެއްވުމަށް ދަނޑަށް ހާޒިރުވިއިރު، މި މެޗުގައި އެގައުމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ރޭގެ ނަތީޖާއާއެކު ދެވަނައިގައި އޮތް ތުރުކީއަށް 9 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އައިސްލެންޑް ތިންވަނައިގައި އޮތީ 9 މެޗުން 16 ޕޮއިންޓާއެކު އެވެ.

އިންގްލެންޑާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ ިއިތުރުން އިގްލެންޑުން ރޭ މޮންޓެނީގްރޯގެ މައްޗަށް ކުރިހޯދީ 7-0 އިންނެވެ.

އަމިއްލަ ގައުމުގައި އިންގްލެންޑުން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ގޯލުތައް ޖަހައިދިނީ އެލެކްސް އޮކްސްލޭޑް-ޗަމްބަލެއިން، ޓަމީ އަބްރަހަމް، މާކަސް ރެޝްފޯޑް އެވެ. އަދި މި މެޗުގައި މޮންޓެނީގްރޯގެ އަލެކްސަންޑަ ސޯފްރޯންކް އަތުން ބައިކޮޅަށް ވަނީ ގޯލެއް ވަދެފައެވެ.

ރޭގެ ނަތީޖާއާއެކު ކޮލިފައިން ގްރޫޕް އޭ ގެ އެއްވަނައިގައި އިންގްލެންޑް އޮތީ 7 މެޗުން 18 ޕޮއިންޓު ހަަމަކޮށްގެންނެވެ. ދެވަަނައިގައި އޮތް ޗެކް ރިޕަބްލިކް ރޭ ވަނީ 2-1 އިން ކޮސޯވޯ ބަލިކޮށްފައެވެ. ޗެކް ރިޕަބްލިކަށް ވަނީ 7 މެޗުން 15 ޕޮއިންޓު ލިބިފައެވެ.