ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ގިންތި، ޑިއުޓީރޭޓް އަދި އޮރިޖިން ދުރާލާ އެނގޭގޮތަށް ފަރުމާކުރެވިފައިވާ "އެޑްވާންސް ރޫލިންގ" ގެ ޚިދުމަތް ކަސްޓަމްސް އިން ތަޢާރަފްކޮޮށްފިއެވެ.

ކަސްޓަމްސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ހިދުމަތް ތަޢާރަފްކޮށްދެއްވީ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޒާހިރުއެވެ. މީގެ އިތުރުން މިހަފްލާގައި ވަނީ 2018 ވަނައަހަރުގެ ތަފާސް ހިސާބުތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ "ސްޓެޓިސްޓިކަލް އިޔަރބުކް" ވެސް ތަޢާރަފްކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ "އެޑްވާންސް ރޫލިންގ" ޚިދުމަތުގެ ސަބަބުން މުދާ ގެނައުމުގެ ކުރިން މުދަލަށް ހޭދަވާނެ ޚަރަދުތައް ދުރާލާ ހިސާބުކުރުމަށް ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި މުދާ ގިންތިކުރުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ ބަލާފާސްކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އިމްޕޯޓް/އެކްސްޕޯޓް އުޞޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުވެގެންދާނެ ކަމަށްވެސް ކަސްޓަމުން މައުލޫމާތުދެއެވެ. މީގެ އިތުރުން އެޑްވާންސް ރޫލިންގ ފޯރުކޮށްދެވޭނީ ރޫލިންގ ދޫކުރެވޭ ތާރީޙުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް އެއަށް އަމަލުކުރެވޭ ގޮތަށް ކަމަށާ މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި ބޭނުންކުރާ ނިޒާމެއް ކަމަށެވެ.

މި ހަފްލާގައި ވާހަކަފުޅުު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި މިދިއަ މަހު ރާއްޖެއިން އަމަލުކުރަންފެށި ޑަބްލިއުޓީއޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓްގައި ގައުމުތަކުން ތަންފީޒު ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އެޑްވާންސް ރޫލިންގ ހިމެނޭކަމަށާއި، މިއީ އެގްރީމެންޓަށް އަމަލުކުރުމުގެ ގޮތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ފަސޭހަކޮށް އިމްޕޯޓް އެކްސްޕޯޓް ޕްރޮސެސް ހަރުދަނާ ކުރުމަށް ގިނަ ކަންކަން ކުރުމަށް ކަސްޓަމްސްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނިފައިވާ ކަމަށްވެސް ޑީސީ ޝަރީފް ވިދާޅުވިއެވެ.

ކަސްޓަމުން ބުނީ "ސްޓެޓިސްޓިކަލް އިޔަރބުކް" ގައި އިިމްޕޯޓްކުރެވޭ މުދަލާއި އެކްސްޕޯޓްކުރެވޭ މުދަލާއި އިމްޕޯޓް ޑިއުޓީގެގޮތުގައި ދަޢުލަތަށް ލިބޭ އާމްދަނީގެ އަދި އެހެނިހެން މައުލޫމާތުގެ އިތުރު ތަފްޞީލު ހިމެނޭގޮތަށް އަހަރަކު 1 ފަހަރު ޝާއިއުކުރާގޮތަށް ތަޢާރަފްކުރި ފޮތެއް ކަމަށެވެ. މި ފޮތް ޝާއިއުކުރުމުގެ މަޤްޞަދަކީ އިމްޕޯޓް އެކްސްޕޯޓްގެ އަދަދުތަކާއި އަދި ކަސްޓަމްސް އާގުޅޭ ތަފާސް ހިސާބު ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންނަށާއި އަދި އިގްތިޞާދު ދިރާސާކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަަމަށެވެ.