"ރިވެލި މައުރަޒު 2019" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނީ، އެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 21ވަ ނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ޖެންޑަރ މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، އެ މިނިސްޓްރީގެ ވެބް ސައިޓް އިން ލިބެން ހުންނާނެކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މައުރަޒު ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، އަންނަ ޑިސެމްބަރ މަހުގެ 3ން 5ގެ ނިޔަލަށެވެ.

"ރިވެލި މައުރަޒު" ގެ ނަމުގައި ބާއްވާ މި މައުރަޒުގެ މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މި މައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، އެތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ފަހިކޮށްދީ، އެކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މިފަދަ ފުރުސަތުތަކުގެ ސަބަބުން ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދެވިގެންދާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކުގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް އެމީހުންނަކީވެސް މުޖުތަމަޢުގެ މުހިންމު ހިއްސާއަކަށް ވެގެންދިއުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ފަހިވެގެންދާނެކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން މިއަހަރު ވަނީ ރިވެލި އެވޯޑްގެ ނަމުގައި ހާއްސަ އެވޯޑެއްވެސް ދީފައެވެ. މި އެވޯޑް ނުކުޅެދުންތެރިކަން ހުންނަ 21 ފަރާތަކުން ވަނީ ހާސިލްކޮށްފައެވެ.