އދގެ ސްޕެޝަލް ރެޕަޓުއަރ، އޮން ޓޯޗަރ ނިލްސް މެލްޒަރ އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 17 އިން 24 އަށް، އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރ ރާއްޖެއަށް ކުރައްވާ މި ދަތުރަކީ އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ސްޕެޝަލް ރެޕަޓުއަރ ނިލްސް މެލްޒަރ ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސާނީ، އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި، އެފަދަ އަމަލުތައް ކުރިއަށް އޮތް ތާނގައި ނުހިގާނެކަން ޔަގީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭނެ ކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ވައުދުވެފައިވާކަން ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ފާހަގަކުރެއެވެ.

ސްޕެޝަލް ރެޕެޓުއަރ މެލްޒަރގެ މިދަތުރުފުޅުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި، ކުރިއަށް އޮތްތާނގައި ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބައްލަވާނެއެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ފަށާފައިވާ މަސައްކަތުގައި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މިންގަނޑުތައް ހަރުދަނާ ގޮތެއްގައި ގާއިމުކުރެވޭތޯ ކަމާބެހޭފަރާތްތަކާ އެހެނިހެން އެކިއެކި ގްރޫޕްތަކާއެކު، ބިނާކުރަނިވި ވާހަކަތަކެއް ދެއްކޭނެކަމާމެދު އަހަރެންގެ އުއްމީދު ވަރަށް ބޮޑު،"
އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ، ނިލްސް މެލްޒާ

ސްޕެޝަލް ރެޕަޓުއަރގެ މި ދަތުރުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝިއަރީގެ އެކިއެކި ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ނެޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، އިލްމުވެރިންނާއި، އެކްޓިވިސްޓުންގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކާވެސް ބައްދަލުކުރަން ހަމަޖެހިފައިވާ ކަމުގައި އދ.ގެ އޮފީހުން ބުނެއެވެ.

މީގެ އިތުރަށް މި ދަތުރުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައާއި، އިމިގްރޭޝަނާއި، ސިއްހީ ދާއިރާގެ އިތުރުން އިޖްތިމާއި ހާއްސަ އެހީ ބޭނުންވާ ފަރާތްތައް ފަދަ، މިނިވަންކަމުން މަހުރޫމްވެފައިވާ މީހުން ބޭތިއްބުމަށް ހާއްސަ ތަންތަނަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ނިލްސް މެލްޒަރ ރާއްޖެއަށް ކުރައްވަން ހަމަހިފައިވާ މި ދަތުރުފުޅުން ފާހަގަކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް، މާޗް 2021 ގައި އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅަން ވަނީ ހަމަޖެހިފައެވެ.