ނޫސްވެރިން ތަމްރީނު ކުރުމަށް ޝަހީބު މީޑިއާއިން ކުރިޔަށް ގެންދިޔަ ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ނިންމާލައިފިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި 23 ބައިވެރިން ވަނީ ތަމްރީނުވެފައެވެ. މި ކޯސް ފުރިހަމަކުރި ބައިވެރީންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރާއްޖޭގެ ސީނިއަރ ބައެއް ނޫސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

14 ދުވަހުގެ މުއްދަތަކަށް ކުރޔަށް ގެންދިޔަ މި ތަމްރީނު ކޯހުގައި ދަރިވަރުންނަށް ނޫސްވެރިކަމުގެ ބޭސިކް ދަސްކޮށްދީފައިވާއިރު އޭގެ ތެރޭގައި ނޫސްވެރިއެއްގެ ހުންނާނެ މައިގަނޑު ސިފަތަކާއި، ޚަބަރު ހޯދާނެ ގޮތާއި ލިޔާނެ ގޮތާއި، ފީޗާއާއި ރިޕޯޓުތައް ލިޔާނެ ގޮތުގެ އިތުރަށް އިންޓަވިއުކުރާނެ ގޮތާއި ތަރުޖަމާކުރުމުގެ ފަންނުގެ އިތުރަށް ވީޑިއޯ ޖާނަލިޒަމްއާއި ދިވެހިބަހުގެ ހަމަތައްވެސް ވަނީ ދަސްކޮށްދީފައެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ ކޯސް ނިމުމުގެ ރަސްމިއްޔާޓުގެ ތެރެއިން-- ފޮޓޯ: ވަން އޮންލައިން

މީގެ އިތުރަށް ބައިވެރިންނަށް އަމަލީ އެކި ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން ނިއުސް ރޫމެއްގައި ކުއްލި ޚަބަރެއް ގެންނާނެ ގޮތުގެ ސެޝަންތަކެއް ބާއްވާފައިވާއިރު ބައިވެރިންގެ މެދުގައި ގްރޫޕު ބަހައި ފީލްޑް ޓްރިޕެއްގެ ތެރެއިން ޚަބަރު ހޯދައި ތިން ނޫހެއްވެސް ތައްޔާރުކޮށްފައިވެއެވެ. އަދި މި ނޫސްތަކުގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ނޫސް ހޮވައި ރޭގެ ހަފްލާގައި އިނާމުވެސް ދީފައިވެއެވެ.

މި ތަމްރީނު ކޯހުގައި ދަރިވަރުންނަށް އެކި ކްލާސްތައް ނަންގަވައިދެއްވާފައިވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އިސް ނޫސްވެރިންނެވެ. އެގޮތުން ވަން އޮންލައިންގެ ސީއީއޯ އަދި މެނޭޖިން އެޑިޓަރ ސިނާން އަލީ، އަވަސް އޮންލައިންގެ ޗީފް އެޑިޓަރ މުންޑޫ އާދަމް ހަލީމް، ވީމީޑިއާގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް އިމާދު ލަތީފް، މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު، އިސްމާއީލް ނަސީރާއި، އަދި މީގެ އިތުރަށް ވީމީޑިއާގެ ސީއީއޯ މުހައްމަދު އާސިފާއި އަދަބިއްޔާތުގެ އުސްތާޒު އަދި ކުރީގެ ނޫސްވެރިޔާ ފަރެސް މުހައްމަދު އާމިރު ވަނީ ކްލާސްތައް ނަންގަވައިދެއްވާފައެވެ.