ރާއްޖޭގެ އިގްތިސާދު އެސިނާއަތަކަށް ބަރޯސާވެފައިވާ އެއް ސިނާއަތަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކޮންމެ ސަރުކާރަކުންވެސް އަދި ދާއިރާގައި ހަރަކާތްރިވާ ކޮންމެ ފަރުދަކުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސިނާއަތް އިޝްތިހާރު ކުރުމަކީ އެންމެ މުހިއްމު އެއްކަމެވެ. މިކަން ކުރުމަށް ފައިސާ ބޭނުންވެއެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 154.2 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މިއީ، މި މިހިނގާ 2019 ވަނަ އަހަރު ޚަރަދުކުރަން ބަޖެޓްކޮށްފައިވާ 104.2 މިލިއަން ރުފިޔާ އަށްވުރެ 50 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންކަމުން އަންނަ އަހަރަށް، ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓް، މިވަނީ 47.98 އިންސައްތަ ބޮޑުކޮށްފައެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނީ ލޯކަލް ޓުއަރިޒަމާއި ގެސްޓްހައުސް މާކެޓަށްވެސް އެކަމުން އެކަށީގެންވާ އެކްސްޕޯޝާއެއް ލިބޭގޮތަށް ކަމަށެވެ. ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ ހޭދަ އިތުރުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، 2017 އާއި 2018 ވަނަ އަހަރު ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހޭދަކުރި 34.7 މިލިއަން ރުފިޔާގެ ބަޖެޓް މި އަހަރު ވަނީ 104.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިމް އެންޑް ޕީއާރު ކޯޕަރޭޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިތުރު ކުންފުނިތަކުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ބޭރުގެ ނޫސްވެރިން ރާއްޖެ ގެނެސް ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް މިއަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީން ވަނީ 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ޓްރެވަލް ފެއާތަކުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ރޯޑްޝޯތަކާ، މީޑިއާ ޓްރިޕްތައް، ޕްރޮމޯޝަނަލް ހަރަކާތް އަދި އެކި ފަރާތްތަކާ ގުޅިގެން ތަފާތު ހަރަކާތްތައް ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ހަމައެކަނި ފެއަރތަކުގައި ބައިވެރިވެގެން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ބަދަލުގައި އިތުރު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ކުރާ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމްއެމްޕީއާރުސީންވެސް ހަމައެކަނި ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކީ މަޝްވަރާކުރުމަށް ނުރަސްމީ ގިނަ ބައްދަލުވުންތަކެއް ބާއްވައިގެން ކުރިއަށްދިއުމަށް އަންނަ އަހަރަށް ރާވާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއެކީ ކުރަން ނިންމާފައިވާ މަސައްކަތްތަކެއް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ބުނީ އަންނަ އަހަރު ރާއްޖެ އިޝްތިހާރުކުރުމަށް 45 ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގްވާމީ ފެއަރތަކާއި އެ ކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ރޯޑްޝޯތައް ހިމެނެއެވެ. އެގޮތުން އޭޝިޔާ، މެދުއިރުމަތި އަދި އީސްޓާން ޔޫރަޕްގެ އެކި ގައުމުތައް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރުސީން އަމާޒުހިފާފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.8 އިންސައްތައިގެ އިތުރުވުމެކެވެ.