ވަޒީފާ އަދާކުރާ މީހުންނަށް އެމީހުން ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބުމަކީ ގިނަ ބަޔެއްގެ ޝަކުވާއެކެވެ. ރައްޔިތުންގެ މި ޝަކުވާތައް އަޑުއަހައި، އެމީހުން ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ދިނުމަށް މަސައްކަތް ކުރި އެތައް ސަރުކާރެއް މީގެ ކުރިން އައިސްފައިވީނަމަވެސް މިކަމަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ.

މިފަދައިން މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަނީ ކޮށްފައެވެ. 2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނޫނަށް އައި ބަދަލާއެކު މި މަސައްކަތް ފަށާފައި ވެއެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު ރައީސް މައުމޫންގެ ސަރުކާރު ބަދަލުވި ހިސާބުން އެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެސް ވައުދެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެ މަސައްކަތް ފައްޓަވައި ރައީސް ސޯލިހު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް 5 މެމްބަރުންގެ މައްޗަށް ބޯޑެއް އެކުލަވާލައްވާފައެވެ. މި ބޯޑުގައި އެމްޕްލޯޔާރސް އެސޯސިއޭޝަންގެ ފަރާތުން 2 މެމްބަރަކާއި، އެމްޕްލޯއީސް އެސޯސިއޭޝަން ރަމްޒުކޮށްދޭ ދެބޭފުޅެއްގެ އިތުރުން ސަރުކާރުގެ ފަރާތުން މެމްބަރަކު ހިމެނެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ މިނިމަމް ވޭޖްގެ ބިލް މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރާނެ ކަމަށެވެ. އެހެންކަމުން މި ބޯޑަށް ވަނީ މިނިމަމް ވޭޖާ ގުޅޭގޮތުން އެކި ދިރާސާތައް ކޮށް، މިކަމާ ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް ލަފަޔަކަށް އެދުމަށް ފޮނުވުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. މި މަސައްކަތް ބޯޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މުސާރައާއި ޢުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ ބޭފުޅުން މަޖިލީހުގެ ކޮމެޓީގައި

ވީނިއުސްއަށް މައުލޫމާތުދެއްވަމުން މުސާރައާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ޗެއާޕާސަން މަރިޔަމް ޚާލިދާ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތައް އެންމެ ކުޑަ އުޖޫރަ ކަނޑައެޅި، މިނިމަމް ވޭޖްގެ ބިލް ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

ޚާލިދާ ވިދާޅުވީ މި ރިޕޯޓް ތައްޔާރުކުރުމަށް ބާރުދޭ ސާވޭތަކެއްވެސް މިހާރު ކުރަމުންގެންދާ ކަމަށެވެ. އަދި މި ސާވޭތަކުގެ ރިޕޯޓްތައް ނިމުނުހާ އަވަހަކަށް ފައިނަލް ރިޕޯޓް ތައްޔާރުކޮށް، ލަފަޔަކަށް އެރުވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުންވެސް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލް ޑްރާފްޓް ކުރުމަށް ހޮވި ސަބް ކޮމިޓީން ފާއިތުވި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާއި، މުސާރައާއި އުޖޫރާއާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ ބޭފުޅުންނާ ބައްދަލުކޮށް މި މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ކޮމިޓީގައި މިނިމަމް ވޭޖް ބޯޑުގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ އަސާސީ މުސާރަ ކަނޑައަޅާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލުކޮށްފައި ހުރީ ރައީސްގެ ރިޔާސީ ގަރާރަކުން އެކަންކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ ގައުމުގެ އިގުތިސޯދަށް އަންނަ ބަދަލުތަކާއި ގުޅިގެން މުސާރައަށް ބަދަލު އަންނާނެތީ ކަމަށެވެ. ބޯޑުގެ ބައެއް މެންބަރުން ވިދާޅުވީ އުޖޫރަ ކަނޑައަޅާއިރު، މުސާރަ ލިބޭ މީހާއާއި އޭނާގެ އާއިލާއަށް ފުރިހަމަ ސިއްހަތުގައި މަސައްކަތް ކުރަން ތިބެވޭނެ މިންވަރަށްވެސް ބަލަންޖެހޭ ކަމަށެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކުރާ އުސޫލަށް ބެލުން މުހިއްމު ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ މިނިމަމް ވޭޖް ފިކްސިން ކޮންވެންޝަންގެ ސްޓޭންޑަޑްގެ ތެރެއިން ކަނޑައެޅުން މުހިންމު ކަމަށްވެސް ބޯޑް މެމްބަރުން ވިދާޅުވެފައިވެއެވެ.

މި ކޮމިޓީގައި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅާއިރު އޭގެ ސަބަބުން އިގުތިސޯދަށް ކުރާނެ އަސަރަށް ބަލައި ރަނގަޅު ދިރާސާއެއް ނުހަދައިފިނަމަ ނިކުމެދާނެ ނަތީޖާތަކަށް ވިސްނަންޖެހޭނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް ގޮސްފައިވާއިރު، ސަރުކާރުގެ ފަރާތުންވެސް ގެންދަނީ މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލް މަޖިލީހަށް ހުށައެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.