ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ވަނީ ދީނީގޮތުން އެމަނިކުފާނާ ޚިޔާލުތަފާތު ބައެއްކަން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

މަރު ކޮމިޝަނުގެ ތަހުގީގަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ރިޕޯޓު ހިއްސާކޮށްފައިވާއިރު ރައީސް ވަނީ މި ރިޕޯޓު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރައްވާފައެވެ.

ރިޕޯޓުގައި އެނގެން އޮތް ގޮތުގައި ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ދިން ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލީފް ރައޫފެވެ. އަދި އޭނާއާއި އެކަން ހަވާލުކުރީ ދީނީގޮތުން އަފްރާޝީމާ ޚިޔާލުތަފާތު ބައެއްކަން ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ. އަދި މިއީ ސިޔާސީ ބޭނުމެއްގައި ކުރި ގަތުލެއް ކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އަޒްލިފް ރައޫފް

ރިޕޯޓުގައި ބުނެފައިވާގޮތުން އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލީފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އޭނާއަށް އެހީވާ މީހުންނާއި ކުދިންނެވެ. މަރު ކޮމިޝަނުން ކުރި ތަހުގީގުގެ ތެރެއިން އަފްރާޝީމް އަވަހާރަކޮށްލި ރޭ، އޭނާ އުޅުއްވި ހ. ފުންވިލުގޭ ކައިރީގައި ސައިކަލެއްގައި އިންނަ މީހެއްގެ ވީޑިއޯ ކޮމިޝަނުން ހާމަކޮށްފައި ވާއިރު އެ މީހަކީ އަޒްލީފް ކަމަށާއި އޭނާ ގެންދިޔައީ އަފްރާޝީމަށް ހަމަލާ ދޭނެ ގޮތްތައް ރާވައި އެކަމުގައި ބައިވެރިކުރި މީހުންނަށް އިރުޝާދުތައް ދެމުންކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އެންމެ ފުރަތަމަ ދައުވާކޮށްފައި ވަނީ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ އިތުރަށް އަޒްލީފް ރައޫފާއި، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށެވެ. އަފްރާޝީމްގެ މައްސަލާގައި މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ޝާން

އަފްރާޝީމްގެ މަރުގެ މައްސަލާގައި އަޒްލީފުގެ މައްސަލަ ފަހުން ތަހުގީގުކުރަމުން ދަނިކޮށް އޭނާ ވަނީ 2015 ވަނަ އަހަރު ފުރައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. އަދި އެއަށްފަހު އޭނާ ސީރިޔާ ހަނގުރާމާގައި މަރުވެފައިވާ ކަމަށް ވާހަކަ ފެތުރުނު ނަމަވެސް އެކަން ރަސްމީ ގޮތެއްގައި ކަށަވަރުވެފައެއް ނުވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެމަނިކުފާނު ގެޔަށް ވަދަވެވަޑައިގަތުމާ އެކު ގޭގެ ސިޑިމަތިންނެވެ.