ދީނި އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކުރުމަށް ފަހު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ ވާހަކަތަކަކީ ޑްރާމާއެއް ކަމަށާއި އެވާހަކަތައް ގަބޫލު ނުކުރާ ކަމަށް އަފްރާޝީމްގެ އާއިލާއިން ބުނެފިއެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވާގޮތުގައި ޑރ އަފްރާޝީމްގެ މަރުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ޑރ އަފްރާޝީމްއާއި ޚިޔާލުތަފާތު ބައެއްގެ އަތެވެ. ރިޕޯޓުގައި ވާގޮތުން ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލީފް ރައޫފެވެ. އަދި އޭނާއާއި އެކަން ހަވާލުކުރީ ދީނީގޮތުން އަފްރާޝީމާ ޚިޔާލުތަފާތު ބައެއްކަން ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ. އަދި މިއީ ސިޔާސީ ބޭނުމެއްގައި ކުރި ގަތުލެއް ކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އަފްރާޝީމް މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުމާމް

މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކުރައްވާފައިވީ ނަމަވެސް އަދި މިހާތަނަށް ރިޕޯޓު އާއިލާއާއި ހިއްސާކުރައްވާފައެއް ނުވެއެވެ. ރިޕޯޓާ ގުޅިގެން މިހާރު ފެންމަތިވަމުން އަންނަ ވާހަކަތަކާއި ގުޅިގެން އަފްރާޝީމްގެ ބޭބޭ އަބްދުއްނާސިރު އަލީ ވިދާޅުވީ ރިޔާސީ ކޮމިޝަނާއި ފުލުހުންގެ ވާހަކަތައް ދިމާނުވާ ކަމަށެވެ. އެގޮތުން އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވާކަން އަބްދުއްނާސިރު ވަނީ ފާހަގަކުރައްވާފައެވެ.

އަފްރާޝީމްގެ މަރަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމާއި އެ މަރަށް ހަތަރު މިލިޔަން ރުފިޔާވެސް ހޭދަކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ހާމަވެ އެކަން އާންމުކޮށްފައިވާއިރު ކޮމިޝަނެއް އުފައްދައި އެތައް އަހަރެއް ފަހުން ތަހުގީގުކޮށް އެއީ ދީނީގޮތުން ޚިޔާލުތަފާތު ބަޔަކު ކުރި ކަމެއް ކަމަށް ބުނުމަކީ ތަހުގީގުގެ ނަމުގައި ކުޅޭ ޑްރާމާއެއްގެ ގޮތުގައި އަބްދުއްނާސިރު ވަނީ ސިފަކުރައްވާފައެވެ.

އަބްދުއްނާސިރު ވިދާޅުވީ، އަފްރާޝީމުގެ މަރަކީ ސިޔާސީ ކަމެއް ކަމަށް އަދިވެސް ގަބޫލުކުރެވޭ ކަމަށާއި އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދިދާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. އެ މަރަށް މި ދުނިޔެ މަތީގައި ކުރެވިދާނެ ކަމެއް އޮތް ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަފްރާޝީމް ދުނިޔޭގައި ހުރެގެން ހުމާމަކަށް އުނދަގުލެއް ނުވާނެ.ހުމާމު އިސްވެ ހުރެގެން އަފްރާޝީމަށް އެފަދަ ހަމަލާއެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ، ހުމާމް ކުރިންވެސް އަޅުގަނޑު ކައިރީ ބުނި އެއީ 4 މިލިއަން ރުފިޔާގެ ކޮންޓްރެކްޓަކަށް ކުރި ކަމެކޭ"
އަބްދުއްނާސިރު

އަބްދުއްނާސިރު އިތުރަށް ވިދާޅުވީ މަރު ކޮމިޝަނަކުން އަފްރާޝީމުގެ މަރު ތަހުގީގު ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި ކޮމިޝަނުން ނެރޭ ރިޕޯޓު ބަލަން ބޭނުންފުޅު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، މަރު ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން ކޮމިޝަނެއް ނަމަވެސް، އެ ކޮމިޝަނަށް ބަޔަކު އަތްބާނައި ނުފޫޒުތަކެއް ފޯރުވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަކީ އިތުބާރުކުރާ ތަނެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.