ބަންގްލަދޭޝްގައި މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފް މަރުވީ އަމިއްލައަށް ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔަސީ ކޮމުޝަނުގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ވަނީ މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހިއްސާކޮށްފައެވެ.

2017 ވަނަ އަހަރު ހިނގި މި ހާދިސާ ބަންގްލަދޭޝް ސިފައިން އޭރު ތަހުގީގު ކުރުމަށް ފަހު ރައުދާ މަރުވީ އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. އަދި ރައުދާގެ އޮޓޮޕްސީ ރިޕޯޓުންވެސް ދައްކާ ގޮތުގައި އޭނާ ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ދިޔައީ އޭނާ މަރާލީ ކަމަށާއި އެއީ ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ރައުދާގެ އާއިލާއިންވެސް އޭނާ އަމިއްލައަށް މަރުވީ ކަމަށް ގަބޫލުކުރަން އިންކާރު ކުރިއެވެ. މިކަމާއި ގުޅިގެން 2017 ވަނަ އަހަރުގެ އެޕްރީލް މަހު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ ރައުދާ މަރާލީ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.

މިކަމާއި ގުޅިގެން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުވެސް ނިމުނީ ބަންގްލަދޭޝް ސިފައިން މައްސަލަ ނިންމި ގޮތަށެވެ.

ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލަދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ.