ފަންނުވެރިކަން ކުރިއެރުވުމަށް މިއަހަރުތެރޭ އެންމެ ހިތްހަމަޖެހޭވަރަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ވީނިއުސްރޫމުގެ ފަސްމަންޒަރު ޕްރޮގްރާމުގައި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ފަންނުވެރިކަމުގެ ދާއިރާއިން ހާސިލްކުރެވުނު ކަންކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ފަންނުވެރިކަން ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް މިއަހަރުތެރޭ ކަންކަން ކުރެވުނީ އެންމެ ހިތްހަމަޖެހޭ ހަލުވިމިނުގައި ނޫން ކަމަށެވެ. އެންމެ ބޮޑު ދައްޗަކީ ބަޖެޓާއި އިންސާނީ ވަސީލަތް ކަމަށް ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ފަންނުވެރިކަމުގެ ދާއިރާތަކުން ތަމްރީނުވެފައި ތިބި މީހުން ވަރަށް މަދު ކަމަށެވެ. ކުރީ ސަރުކާރުން އޮތީ މިދާއިރާއަށް މާބޮޑަށް އަޅާނުލައި ކަމަށާއި އެހެންކަމުން ދަތިތަކެއް ހުރި ނަމަވެސް ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ވެސް ހާސިލްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އޮލިމްޕަހުގައި ފިލްމު އެޅުވުމާއި އާޓް ގެލަރީގައި އެގްޒިބިޝަންތައް ކުރިއަށް ގެންދިއުމާއި ސާކް އާޓިސްޓް ކޭމްޕާއި ފަންނާނުންގެ މިޔުޒިކީ އީދު، ފިލްމު އެވޯޑްސް ފަދަ، ބޮޑެތި އިވެންޓްތައް އަޅުގަނޑުމެންނަށް އެބަބޭއްވޭ. ކަލްޗަރަލް ފެސްޓިވަލް ފަދަ އިވެންޓުތަކުން ވެސް ފަންނާނުނަށް ފުރުސަތު ފަހިކޮށްދެވޭ. މިއަންނަ އަހަރު މިއަށްވުރެ ބޮޑަށް ޕްލޭންކޮށްގެން ތަމްރީންތަކާ އެއްޗެހި ހިންގާނަން.
ޔުމްނާ މައުމޫން

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަމުންދާއިރު ހިނގަމުންދާ އަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް ފަންނުވެރިކަމުގެ ދާއިރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ފަންނާނުންނާ ބައްދަލުކޮށް، ޚިޔާލުތައް ހޯދައި ކުރަންހުރި ކަންކަން ދެނެގަނެ، ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް އެކަންކަން މިހާރު ވަނީ ހިމަނާފައި ކަމަށެވެ.

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މީހުން ބިނާކޮށް، ފަންނާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އާޓްސް އެންޑް ކަލްޗަރ ސެންޓަރުތަކާއި ސިނަމާތައް ހެދުމަށް ވެސް ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ.