ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް މިދިޔަ ސަރުކާރުން ނިގުޅައިގަތުމަކީ ކައުންސިލްތަކުގެ އޭރުގެ އެންމެ ބޮޑު ޝަކުވާއެވެ. އެހެންކަމުން ކައުންސިލްތަކުގެ ބާރުތައް އިއާދަކޮށްދީ ލާމަރުކަޒީގޮތުން މުޅި ރާއްޖެ ހިންގުމަކީ މިސަރުކާރުގެ އެއް ވައުދެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއް ތެރޭ އަލުން އަނބުރާ ކައުންސިލްތަކަށް ބާރުވެރިކަން ވަނީ ދީފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވީނަމަވެސް ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެގޮތުން އެ ބަދަލުތައް ގެނައުމަށްޓަކާ މިހާރު ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުންދާއިރު ފެށޭ ހަފުތާގައި އިސްލާހުތައް ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ގާނޫނަށް އިސްލާހުތައް އައުމާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެން ދާނެއެވެ. އެއާއެކު ސަރުކާރު ހިންގުމަށް ބޮޑެތި ބަދަލުތަކެއް އައިސް ސަރުކާރުގެ މަސައްކަތްތައް ހަލުވި ވެގެންދާނެ ކަމަށް ބުނެއެވެ. މީގެ އިތުރުން ކައުންސިލްތަކަށް މާލީގޮތުންވެސް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސާދީ ހަރަކާތްތައް ހިންގުމުގެ އިޚުތިޔާރު އެ ކައުންސިލަކަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ. އަދި ވިޔަފާރި ހިންގުމަށްޓަކައި ލޯކަލް އޮތޯރިޓީ ކުންފުނީގެ ނަމުގައި ކުންފުނި އުފެއްދުމުގެ ބާރު ވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.

ލޯކަލް ކައުންސިލް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރުމާއި، އަތޮޅު ކައުންސިލްތައް އެ އަތޮޅެއްގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ހިމެނޭ ގޮތަށް އެކުލަވާލުމާއި، ސިޓީ އާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނާއިބުރައީސުން ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރުން ހިމެނެއެވެ. ކައުންސިލްތަކުގެ އިޚްތިސާސްގައިވާ އެންމެހާ ވަސީލަތްތަކާއި ބިންތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ވެސް އިސްލާހުގައި ވެއެވެ.

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ 5 އިންސައްތައަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 އިންސައްތައަށްވާ އަދަދުގެ ފައިސާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދީފައިވެއެވެ.

ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ތާއީދުކުރައްވާފައެވެ. މެމްބަރުންނަށް ފެންނަ ބައެއް އިސްލާހުތައްވެސް ބަހުސް މަރުހަލާގައި ހުށަހަޅާފައި ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މިބިލް ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލްތަކުން ވަކިކުރެވިފައިވާ ބާރުތައް އަލުން އިއާދަކޮށްދީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމާ އެއްގޮތައް ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއި އެކު ކައުންސިލްތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ލާމަރުކަޒީ ގަނޫނުގެ މައިގަނޑު އެއް އަސާސަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން ކަމަށެވެ. އަދި މިގާނޫނު އިތުރަށް އިސްލާހު ކުރުމަށްޓަކާ ކޮމެޓީ މަރުހަލާގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ތަންތަނުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އިގްތިސޯދީ ގޮތުން ވިޔަފާރިކުރެވޭނެ ގޮތް ހަދައި މާލޭގައި ހުރި ވޯކްޝޮޕްތައް މާލެއިން ބާލައި މާލެއަކީ ތަނަވަސް ތަނަކަށް ހަދައި ވެށިފަހި މާލެއެއް ބިނާކުރަން ޖެހޭ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކުގައި ބޭންކުތައް ގާއިމްކޮށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް މާލީ މުއާމަލާތްތައް ހިންގޭނޭ މަގުތައް ފަހިކުރެވެން ޖެހޭ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ކައުންސިލްތަކުގެ ބާރުތައް ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ކައުންސިލްތަކުން ބުނެއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް އިސްލާހުތައް މަޖިލީހުން ފާސްކޮށްފިނަމަ ކައުންސިލްތަކަށް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.