އެކުވެރިކަމުގެ މެޗެއްގައި މިރޭ ލިއޮނެލް މެސީ ޖަހައިދިން ހަމައެކަނި ގޯލުން ބްރެޒިލް އަތުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މެސީއަށް ތިން މަހުގެ ސަސްޕެންޝަނެއް ދިންއިރު، މިއީ އެ ސަސްޕެންޝަނަށްފަހު މެސީ ކުޅުނު ފުރަތަމަ މެޗެވެ.

މިރޭގެ މެޗުން އާޖެންޓީނާ މޮޅުވިއިރު، މި ފަހަރުގެ ކޮޕަ އެމެރިކާގެ ސެމީ ފައިނަލުން ބްރެޒިލް އަތުން ބަލިވި މެޗަށްފަހު އަދި މިހާތަނަށް މެޗަކުން އާޖެންޓީނާ ބަލިވެފައެއް ނުވެއެވެ. އަދި ކޮޕަ އެމެރިކާގެ ފައިނަލް މެޗަށްފަހު ބްރެޒިލުން އަދި މިހާތަނަށް މެޗަކުން މޮޅުވެފައެއްވެސް ނުވެއެވެ.

ސައުދީ އަރަބިއްޔާގައި މިރޭ ކުޅުނު މެޗުގައި އާޖެންޓީނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެކަމަކު މެޗު ފަށައިގެން އެންމެ ފުރަތަމަ ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލް އަށެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ގެބްރިއެލް ޖިސޫސް ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ.

އޭގެ ތިން މިނެޓު ފަހުން މެސީ ވަނީ ޕެނަލްޓީއަކުން އާޖެންޓީނާއަށް ލީޑު ނަގާދީފައެވެ. އޭރިއާ ތެރެއިން މެސީއަށް ކުރި ފައުލަކާއި ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނުއިރު، މެސީ ފޮނުވާލި ޕެނަލްޓީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރި ނަމަވެސް، ރިބައުންސް ބޯޅައިން މެސީ ވަނީ ގޯލު ޖަހާފައެވެ.

އޭގެ ފަހުންވެސް އާޖެންޓީނާއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު އާޖެންޓީނާގެ ގިނަ ހަމަލާތަކެއް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ބްރެޒިލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެޓީމަށް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މުޅި މެޗުގައިވެސް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލް އަތުން އާޖެންޓީނާ މިރޭ މޮޅުވިއިރު، ތިން ދުވަސް ފަހުން އުރުގުއޭއާ ދެކޮޅަށްވެސް އާޖެންޓީނާއިން އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.