ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓްލަންމުން އެބަގެންދެއެވެ.

ސްރީލަންކާގައި ރިޔާސީ އިންތިޚާބު މި ބާއްވަނީ، އީސްޓަރ ސަންޑޭގައި ސްރީލަންކާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ އެތައްބަޔަކު މަރުވި ހާދިސާ ހިނގިތާ ހަތްމަސް ފަހުންނެވެ. އެ ހަމަލާތަކުގައި 253 މީހުން މަރުވެ އެތައްސަތޭކަ ބަޔަކު ޒަޚަމްވިއެވެ.

އެހެންކަމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ސްރީލަންކާގެ ސަލާމަތީ ކަންކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ، އެގައުމުގައި ހިނގައިދިޔަ އެތައް އަހަރެއްވީ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނުފަހުން އެގައުމުގައި ބާއްވާ ތިންވަނަ ރިޔާސީ އިންތިޚާބެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 35 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ނަމަވެސް، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސްރީލަންކާގެ މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވާދައެއް ނުކުރައްވައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސްކަމުގެ އިތުރު ދައުރަކަށް ސިރިސޭނާ ކުރިމަތި ނުލެއްވީ، އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ރައީސަށް ކުރިމަތިވެވަޑައިގެންނެވި ކުށްވެރި ކުރުންތަކާއި، ފިއްތުންތަކުގެ ސަބަބުން ކަމަށް ވެއެވެ.

ބޮމުގެ ހަމަލާތައް ދެވުނީ، ސަލާމަތީ ކަންކަމުގައި ހުރި ދޯދިޔާ ކަންތައްތަކެއްގެ ސަބަބުން ކަމަށް، ސްރީލަންކާ ސަރުކާރުން ފަހުންވަނީ އިޢްތިރާފް ވެފައެވެ.

ރިޔާސީ ކެންޑިޑޭޓުން ސަޖިތް ޕްރެމަދާސަ (ކ) އާއި ގޮޓަބަޔާ ރާޖަޕަކްސަ (ވ)

35 ކެންޑިޑޭޓުންގެ ނަންފުޅުތައް ހިމަނައިގެން ދެފޫޓު ދިގު ވޯޓް ކަރުދާސްކޮޅެއް ޗާޕްކޮށް މިއަދުގެ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރަމުން ގެންދާއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެބޮޑަށް ބެލެވޭ ދެބޭފުޅުން ވެއެވެ.

އެއީ، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ދިފާއީ ވަޒީރު ގޮޓަބާޔަ ރާޖަޕަކްސައާއި، މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ސާޖިތު ޕްރެމަދާސައެވެ.

ތަމަޅަ ޓައިގަރު ޖަމާއަތުން ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހިންގި އަސްކަރީ އޮޕަރޭޝަންގެ އެންމެ ފަހު ފިޔަވަހީގައި އިންސާނިއްޔަތާ ޚިލާފް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ އެތައް ތުހުމަތުތަކެއް ގޮޓަބާޔަގެ މައްޗަށް އުފުލިފައި ވެއެވެ.

އެހެން ނަމަވެސް، ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ގޮޓަބާޔަގެ ދައުރު ހިމެނޭ ކަމަށް ސްރީލަންކާގެ ރައްޔިތުން ގަބޫލުކުރާއިރު، އީސްޓަރ ސަންޑޭގައި ދެވުނު ބޮމުގެ ހަމަލާތަކާ ގުޅިގެން ރާޖަޕަކްސަގެ އާއިލާއަށް އޮތް ތާއީދުވެސް އިތުރުވެގެންގޮސްފައި ވާކަމަށް ސްރީލަންކާގެ މީޑިއާއިން ބުނެއެވެ. ގޮޓަބާޔަގެ ސަލާމަތީ މަގާމު ނުވަތަ ސަލާމަތީ ކަންކަމަށް އޭނާ ހުށަހެޅުއްވި މެނިފެސްޓޯ ސްރީލަންކާގެ ބައިގިނަ ސިންގަޅައިން ބަލައިގެންފައިވާ ކަމަށް ވެއެވެ.

ގޮޓަބާޔައާ އެންމެ ގާތުން ވާދަކުރައްވާ ސާޖިތު ޕްރެމަދާސަ ވިދާޅުވެފައިވަނީ، އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ގައުމީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔަކަށް ސަރަތު ފޮންސޭކާ އައްޔަން ކުރައްވާނޭ ކަމަށެވެ. ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ސްރީލަންކާ ކުރި ހަނގުރާމައިގެ އެންމެ ފަހު ފިޔަވަހީގައި ސިފައިންގެ ވެރިޔަކަށް ހުންނެވީ ސަރަތު ފޮންސޭކާއެވެ.