މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި 30 މިލިއަން ރުފިޔާގެ އާ އިކުއިޕްމަންޓް އެކުންފުންޏައް ގެނެސްފި އެވެ.

އެމްޕީއެލްއިން މިފަހަރު ގެނެސްފައިވަނީ ދެ ބާޖް ހޭންޑްލަރ އާއި ފަސް ޓަރމިނަލް ޓްރެކްޓަރއެވެ. މި އިކުއިޕްމަންޓުތަކަކީ ބާޖުން ކޮންޓެއިނަރު ބޭލުމަށާއި އެއަށް ކޮންޓެއިނަރު ލޯޑުކުރުމުގެ އިތުރުން އެމްޕީއެލް ސަރަހައްދުގައި އެއްތަނުން އަނެއް ތަނަށް ކޮންޓެއިނަރު ގެންދިއުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކެކެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި އޮންނަނީ ތިން ބާޖު ހޭންޑްލާކަމަށެވެ. އެ ތަނުން އެކައްޗަކީ މައްސަލަޖެހޭ އެއްޗެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދުއްވޭ ހާލަތުގައި އޮތީ ދެބާޖް ހޭންޑްލާ ކަމަށެވެ.

މިހާރު ހުރި ޓާމިނަލް ޓްރެކްޓަރުތަކުގައި ވެސް ހުރީ ވަރަށް ގިނަ މައްސަލަ ޖެހިފައިކަމަށާއި، ބޭނުންކުރެވޭ ހާލަތުގައި އޮންނަނީ ހަތަރެއް ނޫނީ ފަސް ޓްރެކްޓަރުކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އަލަށް އެމްޕީއެލްއަށް ގެނައި އިކުއިމްޕަންޓްތަކަކީ، މިހާރުވެސް ކުންފުނީގައި ބޭނުންކުރާ ބްރޭންޑުގެ އިކުއިޕްމަންޓް ކަމަށެވެ. އެހެން ބްރޭންޑްތަކާ އަޅާ ބަލާއިރު މި ބްރޭންޑަކީ މައްސަލައެއް ނުޖެހި، ގިނަ ދުވަހު ބޭނުންކުރެވޭ ބްރޭންޑެކެވެ.

މި ސާމާނުތަކަކީ އެމްޕީއެލްގެ މަސައްކަތްތައް އަވަސްވުމަށް އެޅުނު ފިޔަވަޅެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އަލަށް ގެނެވުނު ސާމާނުތަކާއެކު މަސައްކަތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

އެމްޕީއެލްއަށް އަލަށް ގެނެވުނު ސާމާނުތަށް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.