މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ މަސައްކަތްތައް ބަލައިގަނެ، އެވޯޑެއް ދީފިއެވެ.

މި އެވޯޑް ދީފައިވަނީ މިފްކޯއަށް 26 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ.

މިރަސްމއިްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ މިފްކޯއަކީ ރައްޔިތުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ.

އަދި މަސް ޕްރޮސެސްކޮށް، މަހުގެ އެކި ބާވަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ ގިނަ ދުވަހު ދެމިއޮތް ކުންފުންޏަކީވެސް މިފްކޯކަމަށް ޒަހާ ވިދާޅުވިއެވެ. އަދި މިފްކޯގެ މ ދަތުރުގައި ދިމާވީ ދަތި އުނދަގޫތައް ކަޑައްތުކޮށް، މިފްކޯ މިހިސާބަށް އައިސްފައިވާތީ މިނިސްޓަރ ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާޓުގައި މިފްކޯއިން ވަނީ މިފްކޯގެ އިތުރު 4 އުފެއްދުމެއް ތައާރަފުކޮށްފައެވެ.

މި އުފެއްދުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ އުންމިދަކީ އާންމުން ބަލައިގަންނާނެފަދަ ގިނަ އުފެއްދުންތަކެއް ތައާރަފުކުރުން ކަމުގައެވެ. މި އުފެއްދުންތަކަކީވެސް އާންމުން ބަލައިގަންނާނެ ފަދަ އުފެއްދުންތަކަކަށް ވާނެ ކަމަށް އުންމިދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިފްކޯއިން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމުގައެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްކިރަން އަންނަ އުޅަނދުތަކަށް ދައްޗަކާ ކުރިމަތިލާންނުޖެހި، މަސް ކިރޭނެ އިންތިޒާމްތައްވެސް ހަމަޖައްސައިދޭނެ ކަމަށްވެސް ފައުޒީ ވިދަޅުވިއެވެ.

މީގެ އިތުރުން މިފްކޯއިން ގިނަ ކާމިޔާބީތަކެއް މިހާރުވެސް ހޯދަމުން އަންނަކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ މިފްކޯއިން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެކްސްޕޯޓްކުރި މަހުގެ އަދަގު 21 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެކުންފުނިން މިއަހަރުގެ މިހަތަނަށް ގަތް މަހުގެ އަދަަދުވެސް މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށެވެ.