އިސްރާއީލުގެ އުދުވާނީ ސިފައިން މިސައިލް ހަމަލާއެއްދީ ފަލަސްތީނު އާއިލާއެއްގެ 8 މެމްބަރުން ޝަހީދުކޮށްލުމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ތައުޒިޔާ ފޮނުއްވައިފިއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ ގެއަކަށް މިސައިލް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. ހަމަލާ ދިންއިރު އެ ގޭގެ އެންމެން ތިބީ ނިދާފައި ކަމަށް މީޑިއާއިން ބުނެއެވެ.

އިސްރާއީލު ސިފައިން ހަމަލާ ދިނީ، އެ ހިސާބުގައި ހުރި ފަލަސްތީނު މުޖާހިދުންގެ ޖަމާއަތެއްގެ ލީޑަރުގެ ގެއަށް ކަމަށާއި، ނަމަވެސް ހަމަލާ އަމާޒުވީ އާންމު އާއިލާއެއްގެ ގެއަށެވެ.

މިހަމަލާގައި، އެ ގޭގައި ނިދާފައި ތިބި އެ އާއިލާގެ އަށް މެމްބަރުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިންވެސް ހިމެނެއެވެ. އަދި އެ އާއިލާގެ އިތުރު މެމްބަރުންތަކެއް ޒަޚަމްވެގެން ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ.

މިކަމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، އޭނާގެ ތަރުޖަމާނުގެ ނާއިބް ފަރްހާން ހައްގު މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި، އިސްރާއީލު ސިފައިންގެ ހަމަލާގައި 8 މެމްބަރުން ޝަހީދުވި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި ވެއެވެ. އަދި އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"އައްސަވަރްކީހް އާއިލާއަށް ސެކްރެޓަރީ ޖެނެރަލް ތައުޒިޔާ ވިދާޅުވޭ. އަދި ޒަޚަމްވި އެ އާއިލާގެ މެމްބަރުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ. ހަމަ އެއާއެކު، މިހާދިސާގެ ތަހްގީގެއް ވަގުތުން ހިންގުމަށް އިސްރާއީލަށް ގޮވާލައްވާ"
ފަރްހަން ހައްގު
އިސްރާއީލުގެ އުދުވާނީ ސިފައިން ބުރާސްފަތި ދުވަހުގެރޭ ޣައްޒާއަށް މިސައިލް ހަމަލާތައް ދެނީ:

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ ގެއަކަށް ބުރާސްފަތި ދުވަހުގެރޭ މިސައިލް ހަމަލާ ދީފައިވާއިރު، މިސްރު މެދުވެރިވެގެން ކުރި މަސައްކަތުން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ އަސްކަރީ ހަމަލާތައް މިހާރުވަނީ ހުއްޓާލާފައެވެ.

އިސްރާއީލުން ޣައްޒާއަށް އަންގާރަ ދުވަހުން ފެށިގެން ދެމުންގެންދިޔަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނު 35 މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި 8 ކުޑަކުދިންވެސް ހިމެނެއެވެ. މީގެއިތުރުން، އިތުރު 110 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އަނެއްކޮޅުން، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ރާވައިގެން ފަލަސްތީނު ރައްޔިތުން ޝަހީދުކުރަމުންދާތީ ފަލަސްތީނު ސަރުކާރުން ވަނީ އެކަން ވަރަށް ބޮޑަށް ކުވެރިކޮށްފައެވެ.

ފަލަސްތީނު ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ފުރާނައާއި ލެޔަށް އެއްވެސް އިހްތިރާމެއް ނުކުރާ ކަމަށާއި، މިކަމުން ދޭހަގެންދަނީ އިސްރާއީލާއި، އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ގެންގުޅޭ ޖަންގަލީގެ ގާނޫނުގެ ރޭވުންތައް ކަމަށެވެ.

ފަލަސްތީނު ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުން ފަލަސްތީނު ރައްޔިތަކު ޝަހީދުކޮށްލައިފިނަމަ އެއީ އަމިއްލަ ދިފާއުގައި ކުރި ކަމެއްކަމަށް ވެދޭ ކަމަށާއި، ނަމަވެސް ފަލަސްތީނު މީހަކު ކަމެއް ކޮށްފިނަމަ، އެމީހުން ގެންގުޅޭ ޖަންގަލީގެ ގާނޫނުގެ ދަށުން އެއީ ޓެރަރިސްޓް އަމަލަކަށް ކަނޑައެޅިގެންދާ ކަމަށެވެ.