ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއިން ސޮއިކޮށްފައިވަނީ ރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ އިސްލާމިކް އެފެއާޒްއާއި ދެމެދު ދީނީ ކަންކަމުގައި އެއްބާރުލުން ދިނުމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ދެގައުމުގެ ހަރިޖީ ވުޒާރާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމާއި ރާއްޖޭގެ ފޮރިން އިސްޓިޓިއުޓް އާއި މޮރޮކޯގެ ފޮރިން ސާވިސް އެކެޑެމީއާއި އެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން މޮރޮކޯގެ ހާރިޖީ ވުޒާރާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހިންނަށް މޮރޮކޯއަށް ވިސާއާއި ނުލާ އެތެރެވެވޭނެ އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ފަހުން ދިވެހިންނަށް ވިސާއާ ނުލާ މޮރޮކޯއަށް ދެވޭނެ ކަމަށެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ޑރ. ސަޢަދުލްދީން އަލް ޢުޘްމާނީ އާއި ބައްދަލުކުރައްވާފައެވެ.

މޮރޮކޯގެ ރަބާތުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

އަދި އެމަނިކުފާނު މޮރޮކޯއަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތްކަމުގައި މިނިސްޓަރ ޝާހިދު މޮރޮކޯގެ ބޮޑުވަޒީރަށް ދެންނެވިއެވެ.

މި ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޝާހިދާއި ބޮޑުވަޒީރު އަލް ޢުޘްމާނީ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަމާއި ވިޔަފާރީގެ ދާއިރާއާއި، އިޤްތިސާދީ ދާއިރާއާއި، ތަރިކައިގެ ދާއިރާ ހިމެނެއެވެ.

އަދި ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، މަތީ ތަޢުލީމުގެ ދާއިރާއާއި އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް މިދެބޭފުޅުން ވަނީ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަބްދުﷲ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއާއި ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ މުއުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.