• ކޮލެޖް ހިންގުމަށް ދެއްވާފައިވާ ބިމުގެ މުއްދަތު އިތުރުކޮށްދެއްވުމަށްވެސް ގޮވާލަން - ގާސިމް

ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ދެއްވުމަށް، ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް އަނެއްކާވެސް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް-ވިލާ ކޮލެޖްގެ ތިންވަނަ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގައި މިއަދު ބޭއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ވިލާ ކޮލެޖް އޮތީ ޔުނިވަރސިޓީއެއްގެ ސްޓޭޓަސްގައި ކަމަށާއި، ކުރީގެ ސަރުކާރުން ކުރެއްވި އޮޑިޓާއި އަދި ހުރިހާ އެއްޗަކުންވެސް ވިލާ ކޮލެޖް ފާސްވެ ނިމިފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިހާތަނަށްވެސް ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ނުލިބިގެން އުޅެނީ ކީއްވެގެންބާވައޭ ހިތްޕުޅަށް އަރާވަޑައި ގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިމަތީގައި ގާބިލް ތަނަކަށްވާން ވިލާ ކޮލެޖްވެސް ބޭނުންވާ ކަމަށާއި، ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނީ އެގޮތަށް އެކަން ހަމަޖެހިގެން ދިޔައީމާ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު މިއޮތް ފިޔަވަޅުން ކުރިއަށް ޖެހިލަން އެބަޖެހޭ ކަމަށާއި، ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިން މިއަށްވުރެ ހަރުދަނާވާނެ އުސޫލުތަކެއް އަޅުގަނޑުމެންގެ ގައުމަށް ބޭނުންވާކަމުގެ ހެއްކި ވިލާ ކޮލެޖުން ދައްކަމުންދާ ނަމޫނާއިން އެންމެނަށް ފެނިގެންދާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ފުރަތަމަ ފަށްޓާއިރު ކުޑަކުދިންވެސް ފިރުކެނީ، ދެން އޭގެފަހުން މަޑުމަޑުން ހިނގައިގަނެވެނީ، ދެން އޭގެފަހުން ދުއްވައިގަނެވެނީ. އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަށް، މިހާރު އަޅުގަނޑުމެންނަށް ދުއްވައިގަނެވޭ ހިސާބަށް ގޮސްފައޭ މިއޮތީ. އެހެންވީމާ، ޕްރައިވެޓް ސެކްޓަރ އިތުރަށް ހުޅުވާލަ ދެއްވާށޭ، އަޅުގަނޑުމެންނަށް ވިޔަފާރީގެ ދާއިރާ ނޫނަސް، ތައުލިމީ، ސިއްހީ ދާއިރާތަކުގަވެސް މަސައްކަތް ކުރެވޭނޭ އިތުރު ފުރުސަތު ދެއްވައި އިތުރު ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވީމާ ސަރުކާރަށް މީހުން ބަރޯސާވާވަރު ކުޑަވެ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ހުރިހާ ރޮނގަކުންވެސް ކުރިއަރާ ދާނެއޭ"
ގާސިމް އިބްރާހިމް
މިއަދުގެ ގުރެޖުއޭޝަން ހަފްލާގައި "ގާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ހާސިލްކުރެއްވި ގުރެޖުއޭޓުންނާއެކު ގާސިމް އިބްރާހިމް ފޮޓޯއަކަށް ހުއްޓިވަޑައިގެން:

ވިލާ ކޮލެޖްގެ ބާނީގެ ވާހަކަފުޅުގައި، ވިލާ ކޮލެޖް ހިންގުމަށް ސަރުކާރުން ދެއްވާފައިވާ ބިމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށްވެސް ސަރުކާރަށް ގޮވާލެއްވިއެވެ.

ގާސިމް ވިދާޅުވީ، ވިލާ ކޮލެޖް އުފެއްދުމުގެ ފުރުސަތު ލިބިގެންދިޔައީ 2008 ވަނަ އަހަރު، އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ ގޮތުން ހެދި ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ސަރުކާރުން ނިންމެވި ނިންމެވުމަކާ ގުޅިގެން ކަމަށެވެ.

ވިލާ ކޮލެޖް އުފެދުނީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޕާޓްނަރޝިޕްވާ ގޮތަކަށް އޮންނަ އުސޫލުން ޓެންޑަރ ކުރެއްވި ތަނަކުން ބިމެއް ލިބިގެން ކަމަށާއި، އެއީ އޭގެ ކުރީގައި ރާއްޖޭގައި އޮންނަ އުސޫލެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

"ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމެއްނެތި، ސަރުކާރުން ދެއްވި ބިންކޮޅެއްގައި އަޅުގަނޑުމެން އިމާރާތްކޮށްގެން ކުރަމުންދާ މިމަސައްކަތް، މިދަންނަވަނީ ވިލާ ކޮލެޖްގެ ވާހަކަ. ވަރަށް އާދައިގެ ގޮތަކަށް ހުރި އިމާރާތްތަކެއް އަލުން އިންވެސްޓްކޮށްގެން މިވަނީ ހަދާފަ. ވަރަށް ބޮޑެތި ޚަރަދުތައް ކުރެވިފަވަނީ. އެހެން ނަމަވެސް 35 އަހަރު ދުވަހަށް ލިބިފައިވަނީ. މިބާވަތުގެ ޕްރޮޖެކްޓްތައް ހިންގުމުގަ ސަރުކާރުގެ ވިސްނުންފުޅު އަޅުގަނޑަށް ކަށަވަރު. އަޅުގަނޑު ދަންނަވާނީ 99 އަހަރަށް ކީއްވެތޯއޭ ނުދެއްވަންވީ"
ގާސިމް

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ސަރުކާރުގެ ޔުނިވަރސިޓީ، އެމްއެންޔޫ ހިންގަނީ 250 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށާއި، އެއީވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ވިލާ ކޮލެޖް ހިންގަނީ ސަރުކާރަށް އެއްވެސް ބަރޯސާވުމެއްނެތި ކަމަށާއި، އެއީ މިއަދުގެ ސަރުކާރުންވެސް ފަޚުރުވެރިވާނެ ކަމެއްކަން ކަށަވަރު ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން، އެކަންކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވިސްނާވަޑައިގެން ވިލާ ކޮލެޖަށް ދެއްވާފައިވާ ބިންވެސް ބޮޑުކޮށްދެއްވައި އަދި ދިގު މުއްދަތަށް އެބިން ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ. ބޭނުންފުޅުވަނީ، އަތޮޅުތެރޭގެ ރަށްރަށުގަ އާއި، އެކި ފަރާތްތަކާ ގުޅިގެން ވިލާ ކޮލެޖުން ކުރާ މަސައްކަތަށް އިތުރު ރޯޝަނީ ކަމަކާއި އިތުރު ހަމަޖެހުމެއް ލިބިގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.