ސަރުކާރުގެ ޚަރަދުގައި ޑިގްރީއަށް ކިޔަވާ ކުދިންގެ ކޯސްފީ އަހަރަކު ދެފަހަރު ދަރިވަރުންނަށް ދޫކުރާ ގޮތަށް ހަމަޖައްސާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލަށް މިހާރުވަނީ އަމަލުކުރަން ފަށާފައެވެ.

މި އުސޫލުގެ ދަށުން އޮންލައިން އެޕްލިކޭޝަނުގައިވާ މައުލޫމާތު ފުރިހަމަނަމަ، ނުވަތަ ފުރިހަމަ ނުވާކަމުގައިވާނަމަ އެކަން، ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ދަރިވަރަށް އަންގަންޖެހެއެވެ. އަދި ފަންޑް ރިކުއެސްޓް ފޯމުގައިވާ މައުލޫމާތު ފުރިހަމަނަމަ ދިހަ ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ކަމާބެހޭ ލިޔުންތަކާއެކު ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހެއެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 50 އަހަރަށްވުރެ ހަގުމީހެއްކަމުގައި ވުމާއި، ހިލޭ އެހީގެ ގޮތުގައި ކިޔެވޭނެ ގޮތެއް ހަމަޖެހިފައި ނުވުމާއި، ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައި ނެތުމާއި، މަތީ ތައުލީމާއި ތަމްރީނުވުމަށް ލިބުނު ފުރުސަތުގައި ވެވުނު އިގުރާރާ ޚިލާފުވުމުން ފިޔަވަޅު އަޅަމުންދާ ފަރާތަކަށް ނުވުން ހިމެނެއެވެ.

މި އުސޫލުގައިވާގޮތުން ސަރުކާރުގެ ޚަރަދުގައި ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ޤާނޫނަކުން ބާރު ލިބިގެން ނުވަތަ ސަރުކާރުން އުފައްދާ ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބިފައިވާ ތައުލީމުދޭ ތަންތަނުން ކިޔަވާ ދަރިވަރުންނަށް ކޯހުގެ ފީ ސަރުކާރުން ދައްކައިދޭނެއެވެ.

އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޭން ކަނޑައަޅާފައި ވަނީ އެކޯހުގެ ވަކި މިންވަރެކެވެ.

ޓްވިނިންގ ޕްރޮގްރާމެއްނަމަ ޓިއުޝަން ފީ ސަރުކާރުންދޭނީ ރާއްޖޭގައި ކިޔަވާ ބަޔަށް އެކަނިކަމަށްވެސް މި އުސޫލުގައި ވެއެވެ.

މި އުސޫލުގައިވާ ގޮތުން ޑިގްރީއަށް ހިލޭ ކިޔަވާ ފަރާތުން ސަރުކާރަށް އަނބުރާ ފައިސާ ދައްކަންޖެހެނީ، ޑިގްރީ ކޯހަށް ވަނުމަށްފަހު މަގުބޫލު އުޒުރަކާ ނުލައި ކިޔެވުން ފުރިހަމަ ނުކޮށް ހުއްޓާލުމުންނާއި، ދަރިވަރު ފެއިލްވުން ނުވަތަ މިނިސްޓްރީގެ ހުއްދައަކާ ނުލައި އެ ކޯހަކުން ވަކިވުމުންނާއި، ޑިގްރީއަށް ކިޔެވުމަށްފަހު ޑިގްރީއަށްވުރެ ދަށް ސަނަދަކާއެކު އެ ދަރިވަރަކު ޕްރޮގްރާމުން ވަކިވުމުން އަދި ދޮގު މައުލޫމާތު ހިއްސާކުރުމުންނެވެ.