ޔޫރޯ ކޮލިފައިންގެ ގްރޫޕް އެފް އިން ދެވަނަ ޓީމުގެ ގޮތުގައި ސްވިޑްން އަދި ގްރޫޕް ޖޭ އިން ދެވަނަ ޓީމުގެ ގޮތުގައި ފިންލެންޑް ކޮލިފައިވެއްޖެ އެވެ.

ސްވިޑްން ޔޫރޯއަށް ކޮލިފައިވަނީ ރޭ ރޫމޭނިއާ އަތުން 2-0 އިން މޮޅުވެގެންނެވެ. ރޭގެ މޮޅާއެކު ސްވިޑްން ވަނީ 18 ޕޮއިންޓާއެކު ގްރޫޕް އެފް ގެ ދެވަނަ ކަށަވަރުކޮށްފައެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތީ ރޭ މޯލްޓާ އަތުން 7-0 އިން ފަސޭހަކަމާ އެކު މޮޅުވި ސްޕެއިން އެވެ. ސްޕެއިން ގްރޫޕުގެ އެއްވަނަ ކަށަވަރުކުރީ 23 ޕޮއިންޓާއެކު އެވެ.

ރޫމޭނިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްވިޑްން އިން ދެ ގޯލުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ގޯލް 18 ވަނަ މިނެޓުގައި ޖެހީ މާކަސް ބާގް އެވެ. އަދި 34 ވަނަ މިނެޓުގައި ސްވިޑްން އަށް ލީޑު ފުޅާކޮށްފިނީ ރޮބިން ކުއައިސަން އެވެ.

މީގެ އިތުރުން ގްރޫޕްގައި ހިމެނޭ ސްޕެއިނުން ރޭ ކުޅުނު މެޗުގައި މޯލްޓާ ކޮޅަށް 7 ގޯލް ޖެހީ މޮރާޓާ، ސަންޓި ކާޒޯލާ، ޕައޫ ޓޮރޭޒް، ޕަބްލޯ ސަރަބިއާ، ޑެނިއަލް އޮލްމޯ، ޖެރާޑް މޮރޭނޯ އަދި ނާވަސް އެވެ. މީގެ ތެރެއިން ކަޒޯލާ ޖެހި ގޯލަކީ ސީރިއަސް އަނިޔާއަކަށް ފަހު އެނބުރި އައިސް، ހަތަރު އަހަރަށް ފަހު އޭނާ ގައުމީ ޓީމަށް ޖެހި ފުރަތަމަ ގޯލެވެ.

ފިންލެންޑާއި ލިޝްޓެންސްޓައިން ބައްދަލުކުރި މެޗުގެ ތެރެއިން ---

ޔޫރޯ ކޮލިފައިންގައި ގްރޫޕް ޖޭ އިން ދެވަނަ ޓީމުގެ ގޮތުގައި ފިންލެންޑް ކޮލިފައިވިއިރު، އެގައުމުން ރޭ ވަނީ ލިޝްޓެންސްޓައިން އަތުން 3-0 އިން މޮޅުވެފައެވެ. ރޭގެ މޮޅާއެކު ގްރޫޕް ޖޭ ގެ ދެވަނަ އަށް ފިންލެންޑް ދިޔައީ 18 ޕޮއިންޓު ހޯދައިގެންނެވެ. މިއީ ފިންލެންޑް ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މި ގްރޫޕްގެ އެއްވަނައިގައި 27 ޕޮއިންޓާއެކު އޮތް އިޓަލީ ރޭ ވަނީ ބޮސްނިއާ-ހެޒަގޮވީނާ އަތުން 3-0 އިން މޮޅުވެފައެވެ.

ފިންލެންޑުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ޖެސޭ ޓޫމިނެން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޯވިޗް ސިޓީއަށް ކުޅެމުން އަންނަ ޓީމޫ ޕޫކީ ވަނީ ފިންލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ 11 މިނެޓު ފަހުން ޕޫކީ ވަނީ ފިންލެންޑުގެ ތިންވަނަ ގޯލް ޖަހާފައެވެ.