ގައުމީ ޓެނިސް މުބާރާތް ބާއްވާތާ 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ބައިނަލްއަގުވާމީ ޓެނިސް މުބާރާތް އިއްޔެ ފަށައިފި އެވެ.

"ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕް" އިއްޔެ ފެށިއިރު، މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 ގެ ނިޔަލަށެވެ. މި މުބާރާތް ކުލަގަދަކޮށް ބާއްވާއިރު، މި މުބާރާތުގައި ރާއްޖޭން ބޭރުގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާ، ނޭޕާލްގެ އިތުރުން ކެމްބޯޑިއާ ގެ ކުޅުންތެރިން މުބާރާތުގެ އެކި ކެޓަގަރީތަކުގައި ވާދަކުރާ ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.

މުބާރާތުގައި ކުރިއަށްދާ އުމުރުފުރާތަކުގެ ތެރޭގައި 7 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، ޖޫނިއާ އޯޕަންސް، މެންސް އޯޕަންސް، ވިމެންސް އޯޕަންސް، މިކްސް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތި ހިމެނެއެވެ. ޓެނިސް އެސޯސިއޭޝަނުން ބުނީ 10 އަހަރުން ދަށުގެ ކެޓަގަރީތަކުގެ މެޗުތައް ކުޅެނީ ނޮކައުޓް ފޯމެޓަށް ކަމަށެވެ.

ގައުމީ ޓެނިސް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓެނިސް މުބާރާތެވެ. މީގެކުރިން ރާއްޖޭގައި މުބާރާތެއް ނުބޭއްވުނީ ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ ހަތަރު ކޯޓު ރާއްޖޭގައި ނެތުމުންނެވެ. މީގެ ކުރިން ރާއްޖޭގައި ކުޅެފައިވަނީ ތިިން ކޯޓުގައެވެ. އެހެންކަމުން މި މުބާރާތަށް ވަނީ ހަތަރުވަނަ ކޯޓެއް އަޅާ، ކޯޓުތަކުގެ ލައިޓުތައް ލެޑު ލައިޓުތަކަށް ބަދަލުކޮށްފައެވެ. އަދި މުބާރާތަށް އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.