ސްރީލަންކާގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓްލާންދިޔަ މުސްލިމުން ގޮވައިގެން ދަތުރުކުރި ބަހުގެ ގާފިލާއަށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މިއީ، މުސްލިމުން ވޯޓްލުމަށް ހުރަސްއެޅުމަށް ބަޔަކު ހިންގި އަމަލެއްކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.

ވޯޓްލާންދިޔަ މުސްލިމުން ގޮވައިގެން ދަތުރުކުރި ސަތޭކައަށްވުރެ ގިނަ ބަސްހިމެނޭ ގާފިލާއަށް، ސްރީލަންކާގެ އުތުރު-ހުޅަނގު ރަށެއް ކަމަށްވާ ޕުއްޓަލަމްއިން ބަޑީގެ ހަމަލާތައް ދިން ކަމަށް ފުލުހުންވެސް ކަށަވަރު ކޮށްދީފައި ވެއެވެ. ނަމަވެސް، މިހާދިސާގައި އެއްވެސް މީހަކަށް ކަމެއްވީކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ބަޑީގެ ހަމަލާތައް ދިނުމުގެކުރިން، މުސްލިމުން ގޮވައިގެން ދަތުރުކުރި ބަސްތަކަށް ހުރަސްއެޅުމުގެ ގޮތުން ޕުއްޓަލަމްއިން ބަހުގެ ގާފިލާ ދަތުރުކުރި މަގުގައި ބަޔަކު ޓައިރު އަންދައި، އަދި ބަސްތަކަށް އޮށްގަލުން ހަމަލާ ދިނުގެ އިތުރުން، މަގުގައި އެއްޗެހި ބަހައްޓައި، ބަސްތަކަށް ދަތުރު ނުކުރެވޭނޭގޮތް ހެދިކަމަށް މީޑިއާއިން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ، ބަޑީގެ ހަމަލާތައް ދެ ބަހަކަށް އަމާޒުވި ކަމަށެވެ. ހަމަލާ ދިނީ ކޮންބައެއް ކަމެއް ސްރީލަންކަގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

ޕުއްޓަލަމްގެ ތެރެއިން މުސްލިމުން ގޮވައިގެން ދަތުރުކުރި ސަތޭކައަށްވުރެ ގިނަ ބަސް ހިމެނޭ ގާފިލާއަކީ އެ ރަށާ ޖެހިގެން އޮންނަ މަންނާރަށް ދަތުރުކުރި ބަސްތަކެއް ކަމަށް ވެއެވެ. އެ ބަސްތަކުން ދަތުރުކުރީ މަންނާރުގައި ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވާ މީހުން ކަމަށްވެސް ވެއެވެ.

ވޯޓްލާންދިޔަ މުސްލިމުންގެ ބަޔަކަށް ބަޑީގެ ހަމަލާތަކެއް ދެވުނުއިރު، މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބު ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވަފާނެތީ ސްރީލަންކާގެ މުސްލިމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށް އެގައުމުގެ މީޑިއާއާއި، ބައިނަލްއަގްވަމީ މީޑިއާއިންވެސް ރިޕޯޓް ކުރަމުން އެބަދެއެވެ.

ސަބަބަކީ، ގޮޓަބާޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ހަރުކަށި ބުދިސްޓް ގްރޫޕްތަކުގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށްވާތީއެވެ. އެ ގްރޫޕްތަކަކީ ސްރީލަންކާގައި މުސްލިމުންނަށާއި، މުސްލިމުންގެ ތަންތަނަށް ހަމަލާދީ، މުސްލިމުންދެކެ ރުޅިއަރާ، މުސްލިމުންނާމެދު ނަފްރަތު އުފެއްދުމުގެ ކަންކަން ފުޅާ ދާއިރާއެއްގައި ހިންގާ ގްރޫޕްތައް ކަމުންނެވެ.

މިކަމާހެދި، މުސްލިމުން މިފަހަރު ވޯޓްލާނީ މިހާރު ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ސާޖިތު ޕްރެމަދާސައަށް ކަމަށް ބެލެވިފައިވެއެވެ.

ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރ، ކުރީގެ ކެބިނެޓް މިނިސްޓަރ އަދި ސްރީލަންކާގެ ޕާލަމެންޓްގައި މިހާރުވެސް ކެންޑީ ތަމްސީލުކުރައްވާ މެމްބަރު ރައޫފް ހަކީމް މިއަދު ވޯޓްލެއްވުމަށްފަހު ވޯޓްލާ މަރުކަޒުން ނުކުމެވަޑައި ގަންނަވަނީ:

މުސްލިމުންގެ އިތުރުން، ސްރީލަންކާގެ ބައިމަދު ތަމަޅައިންވެސް، ގޮޓަބާޔަ ރާޖަޕަކްސައަށް ވޯޓް ނުދޭނޭކަމަށް ބެލެވިފައި ވެއެވެ.

މިކަމާހެދި، ޖަފްނާގައި ވޯޓަށް ހުރަސްއެޅުމުގެ އަމަލުތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތަކެއްވެސް ފެތުރިފައި ވެއެވެ. ޖަފްނާގައި ސިފައިންވެސް މަގުތަކުގައި ހުރަސްތައް ބަހައްޓައިގެން ތަމަޅަ އާންމުން ވޯޓްލާން ދަތިކޮށް ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޯޓްލުން ކުރިއަށްދާއިރު، މިއަދުގެ މިހާތަނަށް ވޯޓާ ގުޅުންހުރި ދެހަމަލާއެއް ދީފައިވާ ކަމަށާއި، ވޯޓަށް ހުރަސްއެޅުމުގެ 41 ހާދިސާ އަދި ވޯޓްލުމުގެ ގަވާއިދާ ޚިލާފް 139 މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ސެންޓަރ ފޮރ މޮނިޓަރިން އިލެކްޝަން ވައިލެންސްއިން ބުނެއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 35 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އެންމެ ވާދަވެރި ދެ ބޭފުޅުންނަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ދިފާއީ ވަޒީރު ގޮޓަބާޔަ ރާޖަޕަކްސައާއި، މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ސާޖިތު ޕްރެމަދާސައެވެ.