މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި، އެ ކޮމިޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަށް ފާސްކޮށްފި އެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ. އަހަރީ އާންމު ޖަލްސާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.

މިއަދުގެ ޖަލްސާގައި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކުގެ ތެރެއިން، ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފިޔަވައި އެހެން ހުރިހާ އެސޯސިއޭޝަނަކުން ވަނީ ބައިވެރިވެފައެވެ. އެކަމަކު މި ޖަލްސާއަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ދައުވަތު ދީފައެއް ނުވެއެވެ. އެމްއޯސީ އިން ބުނީ ވީއޭއެމް އަށް ދައުވަތުނުދިނީ މި ޖަލްސާގައި ބައިވެރިވުމަށް އެ އެސޯސިއޭޝަނަށް ފޮނުވުމުން ވީއޭއެމްގެ ނަމުގައި ދެ ފަރާތަކުން މި ބައްދަލުވުމުގައި ބައިވެރިވަން އެދުމުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވީއޭއެމް ބައިވެރިނުކުރުމަށް އެންގުމުން ކަމަށެވެ.

އެމްއޯސީގެ އަސާސީ ގަވާއިދު ބަދަލުކޮށްފައިވަނީ ރާއްޖޭގެ ކުޅިވަރު ގާނޫނާއި އަންނަ އަހަރަށް އައިއޯސީ އިން ކަނޑައެޅި ކަންކަމުގެ މައްޗަށެވެ. އެމްއޯސީން މައުލޫމާތުދޭ ގޮތުގައި އާ އަސާސީ ގަވާއިދާއެކު އެތުލީޓުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހަޅައި ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސްއިން ރާއީދުކުރި އާ އަސާސީ ގަވާއިދު ފާސްކޮށްފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ އެސޯސިއޭޝަނެއްގެ ތާއީދާއެކު އެވެ.

އަހަރީ އާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ އަލަށް ފާސްކުރި އަސާސީ ގަވާއިދާއެކު އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޝަރާ އައްޔަނުކުރާނީ ހިންގާ ކޮމިޓީން ކަމަށާއި، އަދި މި ގަވާއިދާއެކު އެތުލީޓުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެތުލީޓްސް ކޮމިޝަނެއް އުފެދިގެންދާނެ ކަމަށާއި، 5 މެމްބަރުންގެ އެ ކޮމިޝަނަށް އަންނާނީ އެތުލީޓުންގެ މެދުގައި ވޯޓު ލައިގެން ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މެމްބަރަކަށް އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވޯޓުވެސް ލެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި އެ ކޮމިޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައިރު، މި ޖަލްސާގައިވަނީ އެމްއޯސީގެ ބަޖެޓުވެސް ފާސްކޮށްފައެވެ. އެގޮތުން އެމްއޯސީއަށް ލިބޭނެ އާމްދަނީއެއްގެ ގޮތުގައި ލަފާކޮށްފައިވަނީ 38،832،927.20ރ. (ތިރީސް އަށް މިލިއަން އަށްލައްކަ ތިރީސް ދެހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ވިހި ލާރި) އެވެ. އަދި ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 46،775،182.20ރ. (ސާޅީސްހަ މިލިއަން ހަތްލައްކަ ހަތްދިހަ ފަސްހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ ވިހި ލާރި) އެވެ.