"ރޯދިކުރެއްވި އެއްޗަކާއި ދިވެހި ހަކުރޭ'' ބުނާއަޑު އަހަމު ތޯއެވެ. އެހެންވީއިރު ތިޔަ އެއްސެވީ އެންމެ ރަގަޅަށެވެ. ރާއްޖޭގައި އެންމެ އިހު ޒަމާނުއްސުރެ ކައިބޮއި އުޅުމުގައި ބޭނުންކުރި ތަކެތީގެ ތެރޭގައި ހިމެނޭ ދިޔާ ހަކުރު ނުވަތަ ދިވެހި ހަކުރަކީ އޭރު ރާއްޖޭގެ ކޮންމެ ގެޔަކުންވެސް ފަސޭހަކަމާއިއެކު ލިބެން ހުންނަ އެއްޗެކެވެ. ދިޔާ ހަކުރަކީ ރާވެރިން ރުކަށް އަރާ، ބާލާ ރާ ކައްކައިގެން ހަދާ އެއްޗެކެވެ. އިހުޒަމާނުގައި ދިވެހިން އެންމެ ގިނައިން ކޮށް އުޅުުނު އެއް މަސައްކަތަކީ މި މަސައްކަތެވެ. ދިވެހި ރުކަކީ ދިވެހިންނަށް އެހާވެސް ޚާއްސަ، އޭގެ ކޮންމެ ބައެއްގެ ބޭނުންވެސް ކުރަމުން އައި ޚާއްސަ ގަހެކެވެ.

އެހެންކަމުން ދިވެހި ރުކާ ރާއްޖޭގެ ރައްޔިތުންނާއި ވަނީ ވަކި ނުކުރެވޭވަރަށް ގުޅިލާމެހިފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

ކަންމިހެން އޮތުމުން ދިވެހި ރުކަކަށް ދިވެހިން ވޯޓު ނުދޭންވީ އެއްވެސް ސަބަބެއް ނެތެވެ.

1968 ގެ ނޮވެންބަރު 10 ވަނަ ދުވަހު ދިވެހިރާއްޖޭގެ ދިގު ޒަމާންވީ ރަސްކަން ނިމިގެން ދިޔައީ 1968 ގެ މާޗު 15 ވަނަ ދުވަހު ރައްޔިތުންގެ މެދުގައި ނެގި އާންމު ވޯޓަކުންނެވެ.

ބޮޑު އަޣުލަބިއްޔަތެއްގެ ބަޔަކު މި ވޯޓު ދީފައިވަނީ ދިވެހި ރުކަށެވެ.

މާރޗް 1968ގައި ރާއްޖޭގައި ނެގި ވޯޓުގައި ބޭނުންކުރި ވޯޓު ކަރުދާސްކޮޅު/ ދިވެހި އާކައިވް

15 މާރޗް 1968ގައި ނެގި މި ވޯޓު ކަރުދާހުން ފެންނަ ގޮތުން ރަސްކަމުގެ ރަމްޒެއްގެ ގޮތުގައި ތަރިއެެއް ކުރަހާފައި އޮތްއިރު، ޖުމްހޫރިއްޔާގެ ގޮތުގައި ދައްކުވައި ދެނީ ދިވެހި ރުކެކެވެ. އަދި ''ރަސްކަން'' މިހެން ދިވެހިން ލިޔެފައިވާއިރު ޖުމްހޫރިއްޔާ ލިޔެފައި އެވަނީ އަރަބިންނެވެ.

ތަރި އަދި ރުއްވެސް ނަގާފައި އެވަނީ ދައުލަތުގެ ނިޝާނުން ކަމަށްވާއިރު، ރުކަކީ ދައުލަތުގެ ނިޝާނުގެ އެންމެ މުހިންމު އެއް ރަމްޒެވެ.

މި ވޯޓުކަރުދާހާ ގުޅޭގޮތުން ތާރީޚް ދިރާސާކުރައްވާ ފަރާތްތަކާ ވާހަކަދައްކާލުން އެނގިގެން ދިޔައީ، އެ ޒަމާނަކީ ވެރިކަމާގުޅޭ ކަންކަމުގައި އެއްވެސްކަހަލަ ޝައުޤުވެރިކަމެއް ދިވެހި ރައްޔިތުންގެ ތެރޭގައި އޮތް ޒަމާނެއް ނޫންކަމާއި އެކަމަށް މާބޮޑު އިސްކަމެއް ދިވެހިން ނުދޭކަމެވެ. އަދި ތަޢުލީމީގޮތުން މާބޮޑު ހޭލުންތެރިކަމެއް އޭރު ނެތްކަން ފާހަގަވެގެން ދިޔައެވެ.

ރާއްޖޭގެ އިހުގެ ފޮޓޯއެއް/ ފޮޓޯ: ދިވެހި އާކައިވް

ތާރީޚް ދިރާސާކުރައްވާ އަދި ތާރީޚީ ގިނަ ލިޔުއްވުންތައް ލިޔުއްވާފައިވާ ބޭފުޅެއްކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމާންޑް ސާރޖެންޓް މޭޖަރ އަބްދުއްﷲ ސަޢީދު ވިދާޅުވީ ދިވެހިން ޖުމްހޫރިއްޔަތަކަށް ވޯޓުދިނުމުގެ މައިގަނޑު ސަބަބަކީ ވޯޓު ކަރުދާހުގައިވާ ކުރެހުން ކަމަށެވެ. އަދި އެއީ ޖުމްހޫރިއްޔަތަށް ވޯޓު ހޯދުމަށް ބޭނުންކުރި އުކުޅަކަށް ވެދާނެކަމަށެވެ.

އޭރަށް ބަލާއިރު ދިވެހިންނަށް ރަސްކަމާ ޖުމްހޫރިއްޔަތާ، މި ދެކަމުގެ ތަފާތެއް ނޭންގޭނެ. ރައްޔިތުންގެ ހޭލުންތެރިވެފައެއްވެސް ނުވޭ އޭރު އެހާވަރަށް އެކަމުގައި. އޭރު ތިބީ ތައުލީމީ ގޮތުން އެހާ ރަގަޅު ފެންވަރެއްގައެއްވެސް ނޫން ދިވެހިން. ކިރިޔާވެސް ލިޔަން ކިޔަން އެނގޭމީހާއަށް އެނގެނީ ޤުރުއާނާއި، އަރަބިން ލިޔެފަ އޮންނަ ބަހެއް. އެހެންވީމަ ޖުމްހޫރިއްޔަތު ލިޔުމުގައި އަރަބިން ލިޔެފައި ހުރުން އެއީ އެއްކަންތައް. އަނެއްކަމަކީ ރުށް. ރުކަކީ ދިވެހިންނަށް އެއިން ވަރަށް ފައިދާ ކުރާ އެއްޗެއް. ރުކާ ތަރިން ނެގުނު މާނައިގެ ތެރޭގައި ކޮންމެ ވަގުތަކުވެސް ރުށް ކަނޑާލެވިދާނެ. ފަން ކޮށާލެވިދާނެ. ތަރި ބާލަ ނުދެވޭނެ. އަނެއްކޮޅުން އުޑުގަ ހުންނަ ތަރިއަކުން ކުރެވޭނީ ކޮންކަމެއްތޯފަދަ އަޑުތައް އޭރު ފެތުރުނު. ތަރި ނެގިފަ އެވަނީ ދިވެހި ދައުލަތުގެ ނިޝާނުންކަމަށް ޤަބޫލުކުރެވެނީ. ރުކަކީ ދައުލަތުގެ ނިޝާންގެ އެންމެ މުހިންމު އެއް ރަމްޒު.
ސީ.އެސް.އެމް އަބްދުއްﷲ ސައީދު

ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަަހަލަ ވެރިކަމެއްތޯ ބެލުމަށް އޭރު ނެގި މި ވޯޓަކީ، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ގޮތުގައި ހޮވުމަށް ނެގި ވޯޓެކެވެ.

އޭރު އެޒަމާނުގައި ދިވެހިންގެ ހޭލުންތެރިކަމާ ގުޅޭގޮތުން ވާހަކަދައްކާލުމުން، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާރޗް އެނަލިސްޓް މުޙައްމަދު ނާޖިހްވެސް، ކޮމާންޑް ސާރޖެންޓް މޭޖަރ އަބްދުއްﷲ ސަޢީދުއާއި އެއްބަސްވެ ވަޑައިގަންނަވައެވެ. އޭރު ނެގިގެންދިޔަ އެ ވޯޓަކީ އޭރުގެ ސިޔާސީ ވެރިންނަށް ތިއްބެވި ބޭފުޅުން ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށް އެނަލިސްޓް ނާޖިހް ވިދާޅުވެއެވެ.

މީގަ ރައްޔިތުންގެ އެއްވެސް ދައުރެއް ނެތް. އޭރު ރައްޔިތުންނަށް މާބޮޑަށް ވޯޓުލާ މިކަންކަން އެނގޭ ޒަމާނެއް ނޫން އެއީ. އެހާ ހޭލުންތެރި ޒަމާނެއް ނޫން އެއީ. އޭރު ވޯޓު ލުން މި އޮތީރަސްކަމަށް ތަރިއެއް، ޖުމްހޫރިއްޔަތަށް ރުކެއް. ތަރިއަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ނޫންތޯ؟އެކަމަކު ރުކުން ދިވެހިންނަށް ވަރަށް ފައިދާކުރޭ. ވަރަށް ބޭނުންތެރި އެއްޗެއް އެއީ ދެއްތޯ؟. އެހެންވީމަ އޭރު ތަންދޮރު ނުދަންނަ މީހަކުވެސް އެއްކަލަ ރުކަށް ބަލާފަތާ ވޯޓު ދޭނީ. އަޅުގަނޑަށް ފެންނަ ގޮތް މިއީ.
ރިސާރޗް އެނަލިސްޓް މުޙައްމަދު ނާޖިހް

ދިވެހިން ރުކަށް ދިން ވޯޓުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަަމަ ރައީސަކަށް އިބްރާހިމް ނާސިރު ވެގެންދިޔައީއެވެ. ދެވަނަ ޖުމްހޫރިއްޔާ އުފެދިގެން އައީ 1968 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެރޭ މެންދަމުންއަލިވެ 12 ޖެހިއިރު، ކުރެވުނު 21 ބަޑީގެ ސަލަމާއެކުގައެވެ. އެއާއިއެކު ޖުމްހޫރީވެރިކަން ފެށި، ރަސްކަމުގެ ވެރިކަން ނިމުނީއެވެ.