ސްރީލަންކާގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓްލައި ނިމި، މިހާރު ވޯޓް ގުނަން ފަށައިފިއެވެ.

މިކަން ސްރީލަންކާގެ އިންތިޚާބާބެހޭ އިދާރާއިންވަނީ ކަށަވަރު ކޮށްދީފައެވެ.

އިންތިޚާބުގެ ވޯޓުފޮށިތައް ގުނަން މިފެށީ، ސްރީލަންކާ ގަޑިން މިއަދު ހަވީރު 5 ޖެހިއިރު ވޯޓްލުމަށް ކަނޑައަޅާފައިވާ ގަޑި ހަމަވުމާ އެކުގައެވެ.

ސްރީލަންކާގެ މީޑިއާއިން ބުނެފައިވަނީ، ވޯޓްލުމުގެ ވަގުތު ހަމަވުމާއެކު، ވޯޓްފޮށިތައް ބަންދުކޮށް މިހާރުވަނީ ގުނަން ފަށާފައެވެ.

ސްރީލަންކާގެ ނޭޝަނަލް އިލެކްޝަން ކޮމިޝަނާ ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނެފައިވަނީ، މިއަދުގެ އިންތިޚާބުގައި ވޯޓްލީ ފޮށިތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޮށީގެ ނަތީޖާ އިޢްލާން ކުރެވޭވަރުވާނީ ސްރީލަންކާ ގަޑިން މިރޭ 10:00 ގައި ކަމަށެވެ.

މިއަދުގެ ވޯޓުގެ ތެރޭގައި އިންތިޚާބަށް ހުރަސްއެޅޭ ވަރުގެ ސީރިއަސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާއިރު، ވޯޓާ ގުޅުންހުރި ދެހަމަލާއެއް ދީފައިވާ ކަމަށާއި، ވޯޓަށް ހުރަސްއެޅުމުގެ 41 ހާދިސާއެއް އަދި ވޯޓްލުމުގެ ގަވާއިދާ ޚިލާފް 139 މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ސެންޓަރ ފޮރ މޮނިޓަރިން އިލެކްޝަން ވައިލެންސްއިން ބުނެފައި ވެއެވެ.

ސްރީލަންކާގެ އާބާދީގައި ހިމެނޭ 21 މިލިއަން މީހުންގެ ތެރެއިން 16 މިލިއަން މީހުންނަށް ސްރީލަންކާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މިއަދުގެ އިންތިޚާބުގައި ގާތްގަނޑަކަށް %80 މީހުން ވޯޓްލާން ނުކުތް ކަމަށް ވެއެވެ.

ސްރީލަންކާގެ ދެކުނާއި އުތުރުންވެސް ގާތްގަނޑަކަށް އެއް ނިސްބަތަކަށް މީހުން ވޯޓްލާން ނުކުމެފައިވާ ކަމަށް ދައްކާފައިވާތީ، މިއީ، ރިޔާސީ އިންތިޚާބުގައި ގޮޓަބާޔަ ރާޖަޕަކްސައާއި، ސާޖިތު ޕްރެމަދާސައާ ދެބޭފުޅުންގެ ދެމެދުގައި އޮތް ވާދަވެރިކަން ފެނިގެންދާ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ގިނަބަޔަކު ދެކެނީ، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ދިފާއީ ވަޒީރު ގޮޓަބާޔަ ރާޖަޕަކްސައެވެ. ސަލާމަތީ ކަންތައްތަކާއި އިގްތިސާދީ ކަންތައްތަކަށް އިސްކަން ދެއްވާނޭ ކަމަށް އޭނާ ވަދުވެވަޑައި ގެންފައި ވެއެވެ.

ގޮޓަބާޔަ ރާޖަޕަކްސައާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވިފައިވަނީ ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސަގެ ދަރިކަލުން އަދި މިހާރުގެ ސަރުކާރުގެ ކަލްޗަރ މިނިސްޓަރ އަދި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ނާއިބް ލީޑަ ސާޖިތު ޕްރެމަދާސައެވެ.

ގޮތަބާޔަ ރާޖަޕަކްސަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، ސްރީލަންކާގެ މުސްލިމުންނަށް ހަމަލާތައް ދިނުން އިތުރުވެ، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ސްރީލަންކާގައި އަލުން ފެށިގަންނާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަމުން ގެންދިއުމާއި، ހަރުކަށި ބުޓިސްޓުން ގޮޓަބާޔައަށް ތާއީދުކުރާތީ ސްރީލަންކާގެ މުސްލިމުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް ފެތުރިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.