ސްޕެޝަލް އޮލިމްޕިކްސް އޭޝިއަން ޔުނިފައިޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުން ރާއްޖޭގެ އެތުލީޓުން ލޯ މެޑަލް ހޯދައިފި އެވެ.

މި މަހުގެ 13 އިން މިއަދުގެ ނިޔަލަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ އެތުލީޓުންނަކީ އެސްއޯ އެތުލީޓް އިބްރާހިމް ރަބީތު އާއި ޔުނިފައިޑް ޕާޓްނާ ޕެރަ އެތުލީޓް ޢަބްދުއްލަތީފް މުހައްމަދެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ އެސްއޯ ބަހާރަތުއާ ވާދަކޮށް 2-1 ސެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި މަކާއޯގެ ޓީމާ ވާދަކޮށް ވަނީ ސީދާ 2 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި މުބާރާތުން ރާއްޖޭގެ ޓީމު ލޯ މެޑަލް ހޯދީ އިއްޔެ ކުޅުނު މެޗުގައި އިންޑިއާ އަތުން މޮޅުވެގެންނެވެ.

ރާއްޖޭގެ ޓީމު މި މުބާރާތުގައި ބަލިވެފައިވަނީ ޕާކިސްތާން އަދި މާކާއޯގެ ދެވަނަ ޓީމު އަތުންނެވެ.

ރާއްޖޭގެ ސްޕެޝަލް އެތުލީޓުން ބައިނަލް އަގުވާމީ މައިދާނުގައި އަންނަނީ ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ. އެގޮތުން މިއަހަރު އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ވަނީ ރަން މެޑަލް ހޯދާފަ އެވެ. މިއީ މިފަދަ ބޮޑު މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އަދި މި ގޭމްސްގައި ރާއްޖޭގެ ވަސްމީ ވަހީދު ވަނީ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

މީގެ އިތުރަށް މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސްގެ ޕެރަ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދާފައެވެ.