އަނިޔާވެރި އަމަލުތަކުން އެމަނިކުފާނު ބަރީއަވެގެންވާކަން ﷲ ދެނެވޮޑިގެންވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޑރ ޝަހީމަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޑރ ޝަހީމް ތަހުގީގަށް ހާމަކޮށްފައިވަނީ ދޮގު މައުލޫމާތުކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ޑރ ޝަހީމް ވިދާޅުވީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލާގައި ކުށެއްނެތް މައުސޫމް މީހުންގެ ބޮލުގައި އެކަމުގެ ތުހުމަތު އަޅުވަނީ ހަގީގީ ގާތިލުން ފޮރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމާ ބެހޭގޮތުން ކޮމިޝަނާ ހިއްސާ ކުރައްވާފައިވާނީ ތެދު މައުލޫމާތުކަމަށް ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވަނީ ވިދާޅުވެއެވެ.

https://www.facebook.com/shaheemalisaeed/posts/2538509366234369

މިމައްސަލައިގެ ޚުލާސާ ބަޔާނުގައިވާ ގޮތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކޮމިޝަނަށް ހާޒިރުކޮށް މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ވަނީ ސުވާލުކޮށްފައެވެ. އަދި އެސުވާލުތަކަށް ޝަހީމް ދެއްވާފައިވަނީ ތެދު ޖަވާބު ނޫންކަން ކޮމިޝަނަށް ހާމަވެފައިވާކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އަދި 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ޑރ. އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ހާޒިރުވީ ޑރ. ޝަހީމް އެކަމަށް އެދިގެން ނޫންކަމަށް ބުނެފައިވިޔަސް ދެފަރާތުން ކޮށްފައިވާ އެސްއެމްއެސް ތަކުން އެއީ ދޮގެއްކަން ހާމަވާކަމަށް ބަޔާނުގައިވަނީ ފާހަގަކޮށްފައެެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލިރޭ އެމަނިކުފާނު މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ޓީވީއެމްގެ ޕްރޮގްރާމަށް އެރުވުމަށް ހުށައެޅުއްވީ ޑރ. ޝަހީމް ކަމާއި އެޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރުވަން ބޭނުންވީ ކީއްވެކަން ޑރ ޝަހީމަށް އެނގިވަޑައިގަންނަވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދިއެއީ ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަފުޅުތަކަށް ތައުބާވެ މައާފަށް އެދިވަޑައިގަތުމަށް ކަމަށް ޑރ. ޝަހީމަށް އެނގިވަޑައިގެންފައިވާ ކަމާއި އެރޭގެ ޕްރޮގްރާމަށް ނޭރިއްޖެ ކަމުގައިވާނަމަ އެބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ޕްރެސް ކޮންފެރެންސްއެއް ބާއްވަން ޑރ. ޝަހީމް ހުށައަޅުއްވާފައިވާ ކަންވެސް ދެފަރާތުން ބަދަލުކޮށްފައިވާ މެސެޖުތަކުން އެނގޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައިވަނީ ޓީވީއެމްގެ ޕްރޮގްރާމް ނިންމަވަލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިމަތިންނެވެ. އެމަނިކުފާނު އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގުރޭ ދަންވަރުގެ ވަގުތެއްގައެވެ.