ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު، ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވައިފިއެވެ.

އިއްޔެގެ ވޯޓުގެ ރަސްމީ ނަތީޖާ އަދި އިޢްލާން ނުކުރި ނަމަވެސް، ސްރީލަންކާގެ މީޑިއާއިން ލަފާކުރި ނަތީޖާތަކުން މިހާތަނަށް ގުނާފައިވާ ހަމިލިއަނަށްވުރެ ގިނަ ވޯޓުން އެންމެ ކުރި ހޯއްދަވާފައިވަނީ ގޮޓަބާޔައެވެ.

ވޯޓުގެ ރަސްމީ ނަތީޖާ އިޢްލާން ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގަޑިން މިއަދު ހަވީރު 4:00 ގައި ކަމަށް ސްރީލަންކާ އިލެކްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.

މިހާތަނަށް ހާމަކުރެވުނު ނަތިޖާތަކާ ގުޅިގެން، ގޮޓަބާޔަ ރާޖަޕަކްސައާ އިންތިޚާބުގައި އެންމެ ގާތުން ވާދަކުރެއްވި ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓް ސާޖިތު ޕްރެމަދާސަވަނީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވައި ގޮޓަބާޔައަށް މަރްހަބާވެސް ވިދާޅުވެފައެވެ.

"ރައްޔިތުންގެ ނިންމުމަށް އަޅުގަނޑު އިހްތިރާމްކުރަން. އަދި ސްރީލަންކާގެ ހަތްވަނަ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ގޮޓަބާޔަ ރާޖަޕަކްސައަށް މަރްހަބާ ދަންނަވަން"
ސާޖިތު ޕްރެމަދާސަ

އިންތިޚާބުގެ ބަލި ގަބޫލު ކުރެއްވުމުގެ އިތުރުން، ވެރިކަންކުރާ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުންވެސް ސާޖިތުވަނީ ވަގުތުން އިސްތިއުފާ ދެއްވާފައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސައަކީ ސްރީލަންކާގެ ރައީސްކަން ކުރިން ދެފަހަރު ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ދިހަވަރަކަށް އަހަރު ދިފާއީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ސްރީލަންކާގައި ދިގުލައިދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 2009 ވަނަ އަހަރު ހިންގި އަސްކަރީ އޮޕަރޭޝަންގެ އެންމެފަހު ފިޔަވަހީގެ ދުވަސްވަރު ގޮޓަބާޔަ ހުންނެވީ ދިފާއީ ވަޒީރަކަށެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ޓްވީޓް ކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިޢްލާން ނުކުރި ނަމަވެސް، ކަމިޔާބީގެ ރޮނގު ހުރަސްކުރެވިއްޖެ ކަމަށެވެ.

"ސްރީލަންކާ މުޅިން އާ ދަތުރަކަށް ފަށާއިރު، ހަނދާން ބަހައްޓަންޖެހޭނެ މި ދަތުރުގައި ސްރީލަންކާގެ ހުރިހާ ރައްޔިތުންވެސް ޝާމިލްވާކަން. މިކާމިޔާބީ ސުލްހަވެރިމަގުން ޝަރަފްވެރިކަމާއެކު ފާހަގަކުރަމާ ހިނގާ. އެއީ، އަޅުގަނޑުމެން ކެމްޕެއިންގައިވެސް ކަންތައް ކުރިގޮތް"
ގޮޓަބާޔަ ރާޖަޕަކްސަ

ގޮޓަބާޔަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ތަރުޖަމާނު ކެހެލިޔާ ރަމްބުކްވެލާ ވިދާޅުވީ، ގޮޓަބާޔަ ރާޖަޕަކްސަގެ ވެރިކަމުގައި އެންމެބޮޑު އިސްކަމެއް ދެއްވާނީ ސްރީލަންކާގެ ގައުމީ ސަލާމަތާއި، ގައުމުގ އިގްތިސާދު ވަރުގަދަ ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް އުޅެނީ ހަލައްކަ ވޯޓްގެ ފަރަގެއްގެ ކުރީގައި. ޔަގީންކުރަނީ އަށްލައްކަ ނުވަތަ އެއްމިލިއަން ވޯޓުގެ ތަފާތުން އަޅުގަނޑުމެން ކުރިހޯދާނެކަމަށް"
ކެހެލިޔާ