ޔޫރޯ ކޮލިފައިންގައި ރޭ ނޮދަން އަޔަލެންޑާ 0-0 އިން އެއްވަރުކޮށް، ފަސް އަހަރަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ނެދަލެންޑްސް ކޮލިފައިވެއްޖެ އެވެ.

ނެދަލެންޑްސް އިން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް އެވެ. އޭގެ ފަހުން 2016 ވަނަ އަަހަރުގެ ޔޫރޯ އާއި މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕަށް އެޓީމު ކޮލިފައި ވެފައެއް ނުވެއެވެ. އެކަމަކު މިދިިޔަ އަހަރު ޔުއެފާ އިން އަލަށް ފެށި ނޭޝަންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސް އިން ވަނީ ވާދަކޮށްފައެވެ.

ރަށުން ބޭރުގައި ރޭ ނޮދަން އަޔަލެންޑާ 0-0 އިން ނެދަލެންޑްސް އެއްވަރުކުރިއިރު، ރޭގެ ނަތީޖާއާއެކު ނެދަލެންޑްސް ވަނީ ގްރޫޕް ސީގެ ދެވަނަ ކަށަވަރުކޮށްފައެވެ. އެޓީމަށް 7 މެޗުން ވަނީ 16 ޕޮއިންޓު ލިބިފައެވެ. މި ގްރޫޕް އެއްވަނައިގައި އޮތް ޖަރުމަން ރޭ ވަނީ ބެލަރޫސް އަތުން 4-0 އިން މޮޅުވެފައެވެ. ޖަރުމަނަށް ކުޅުނު 7 މެޗުން ވަނީ 18 ޕޮއިންޓު ލިބިފައެވެ.

ރޭގެ މެޗުތަކަށް ފަހު މިހާތަނަށް އަންނަ އަހަރުގެ ޔޫރޯއިން ވަނީ 16 ޓީމު ޖާގަ ހޯދާފައެވެ. އެއީ މީގެ ކުރިން ފުރުސަތު ހޯދި ސްޕެއިން، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން، ރަޝިއާ، ޗެކް ރިޕަބްލިކް ފިންލެންޑް އަދި ސްވިޑްން އެވެ. އަދި ރޭގެ މެޗުތަކަށް ފަހު ކްރޮއޭޝިއާ، އޮސްޓްރިއާ، ނެދަލެންޑްސް އަދި ޖަރުމަން ވަނީ ކޮލިފައިވެފައެވެ...