ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސައަށް ރާއްޖޭގެ ވެރިން ހޫނު މަރްހަބާއެއް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ކުރެއްވި ޓްވީޓެއްގައި ގޮޓަބާޔަ ރާޖަޕަކްސައަށް ވަރަށް ހޫނު މަރްހަބާއެއް ވިދާޅުވެފައި ވެއެވެ. އަދި ގޮޓަބާޔަގެ ސަރުކާރުގައި މިހާރުވެސް ގާތް އެކުވެރި ގުޅުމެއްއޮތް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހުރިއްޔާގެ ނާއިބް ފައިސަލް ނަސީމް ކުރެއްވި ޓްވީޓްގައި ގޮޓަބާޔަ ރާޖަޕަކްސައަށް ހޫނު މަރްހަބާއެއް ވިދާޅުވުމަށްފަހު، އާ ރައީސްގެ ރިޔާސަތުގެ ދަށުން ސްރީލަންކާގެ ރައްޔިތުންނަށާއި، ސްރީލަންކާއަށް ސުލްހައާއި އިތުރު ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފައި ވެއެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އަޚުވަންތަ ގުޅުމަކުން ގުޅިފައިވާ ދެގައުމުކަންވެސް ނާއިބް ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓްވީޓްގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސައަށް ވަރަށް ހޫނު މަރްހަބާއެއް ވިދާޅުވެފައި ވެއެވެ. އަދި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދުއޮތް ގުޅުމަކީ ދެގައުމަށްވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށް ވިދާޅުވެފައި ވެއެވެ. ދެގައުމުގެ ރައްޔިތުންގެ ފާގަތިކަމަށް ސްރީލަންކާގެ އާ ރައީސާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި، ސްރީލަންކާގައި އިއްޔެ ބޭއްވި މުހިންމު އިންތިޚާބު ކާމިޔާބު ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސައަށް ހޫނު މަރްހަބާއެއް ވިދާޅުވެ، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އާ ރައީސްގެ ޒައާމަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައި ވެއެވެ.

އަދި ސްރީލަންކާއާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް އެކުވެރި ދެގައުމުކަންވެސް ރައީސް މައުމޫންގެ ޓްވީޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

މީގެއިތުރުން، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސަރުކާރުގެ އެކި ފެންވަރުގެ ވެރިންވެސް ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޮޓަބާޔަ ރާޖަޕަކްސައަށް މަރްހަބާ ވިދާޅުވަމުން އެބަގެންދަވައެވެ. އަދި އާންމު އެތައް ފަރާތަކުންވެސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މަރްހަބާ ކިޔަމުން އެބަގެންދެއެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ވެވަޑައިގަންނަވާނީ ސްރީލަންކާގެ ހަތްވަނަ ރައީސަށެވެ.