44 ވަނަ ބީއެމްއެލް ގައުމީ ފެތުމުގެ މުބާރާތް އިއްޔެ ފަށައިފި އެވެ.

68 އަންހެން ފެތުންތެރިންނާއި، 104 ފިރިހެން ފެތުންތެރިންނާއެކު ފެށި މި މުބާރާތުގައި ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ. އެއީ އަންހެން 3 ޓީމާއި، ފިރިހެން 6 ޓީމެވެ.

އަންހެން ޓީމު ކެޓަގަރީ ވާދަކުރާ ކްލަބުތަކަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިން ކްލަބު އަދި ސްވިމް މޯލްޑިވްސް އެވެ. ފިރިހެން ޓީމު ކެޓަގަރީގައި ވާދަކުރާ ކްލަބުތަކަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިން ކްލަބު، ބްލޫފިން ސްޕޯޓްސް، ސްވިމް މޯލްޑިވްސް އަދި ކްލަބު ބޮޑުރިޔާ އެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖޫނިއާ، ސީނިއާ، މާސްޓާސް އަދި ހާއްސަ އެހީއަށް ބޭނުންވާ ފެތުންތެރިންގެ އޯޕަން ކެޓަގަރީ އާއި ޓީމު ކެޓަގަރީ އެވެ.

މި މަހުގެ 23 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 228 އިވެންޓު ކުރިއަށް ދާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ

މި މުބާރާތާއި ގުޅުވައިގެން ތުއްތު ކުދިންނަށް ހާއްސަ ފެސްޓިވަލެއް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ފެސްޓިވަލްގައި 198 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.