ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ޖޮބް ސެންޓަރު ގާއިމްކުރުމުގެ ވައުދު ފުއްދައި، ޖޮބް ސެންޓަރު ޕޯޓަލްއެއް އިފްތިތާހު ކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހު ކޮށްފައިވަނީ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮޓެލް ޖެންގައެވެ. މި ޖޮބް ސެންޓަރު އިފްތިތާހު ކޮށްދެއްވާފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ގިނަ ވަޒީރުން ބައިވެރިވެވަޑައި ގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި ވަޒީފާގެ ހާލަތު ރަނގަޅުކުރުމަކީ އެމްޑީޕީން މަޖިލީހުގެ އެޖެންޑާ 19 ގައިވެސް ހިމަނާފައިވާ ކަމެއް ކަމުގައެވެ. މިއަދު މިވަނީ އެ ޖޮބް ސެންޓަރު ގާއިމްކުރެވިފައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޖޮބް ސެންތަރު އިފްތިތާހުކުރުމުގެ ރަސްމިއޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސަމާއިލް ވާހަކަފުޅުދައްކަވަނީ

ފައްޔާޒު ވިދާޅުވީ މިފަދަ ޕޯޓަލްއެއް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ހަމައެކަނި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ނޫން ކަމަށާއި، ވަޒީފާ އިތުރުކުރުމުގެ އިތުރުން، މިހާރު ރައްޔިތުން އަދާކުރަމުންދާ ވަޒީފާތަކަށްވުރެ ރަނގަޅު ފުރުސަތުތަކެއް ލިބޭނެ ގޮތްތަކެއް މެދުވެރިކޮށްދިނުން ކަމުގައެވެ.

މި ޕޯޓަލް މެދުވެރިކޮށް ވަޒީފާތަކުގެ މައުލޫމާތުތައް ވަރަށް ތަފްސީލުކޮށް ފޯރުކޮށްދެވިގެން ދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަަދި ވަޒީފާ ހަމަޖެހުމާ ހަމައަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައްވެސް ވަރަށް ފަސޭހަކަމާއެކު މި ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރެވިގެންދާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަދި ދިވެހިރާއްޖެގެ ކޮންމެ ކަންކޮޅެއްގައި ހުރި ދިވެހި ރައްޔިތަކަށްވެސް ވަރަށް ފަސޭހައިން އެކްސެސް ކުރެވިގެން އެބެފުޅަކާ ގުޅުންހުރި ވަޒީފާތައް ބަލާލެވޭނެ ފުރުސަތު ހުންނާނެ. އަދި މި ޕޯޓަލްއަކީ އޭގެ ޒާތުގައި އަމިއްލައަށް ދެފަރާތުގެ ބޭނުންތައް މެޗްކޮށް، އެފަރާތްތަކަސް އެނގިގެންދާނެ. މިސާލަކަށް ވަޒީފާ ބޭނުންވަ ފަރާތްތަކުން ލިސްޓުކޮށްފައިހުރީ ތިމަންނާ ބެނުންވަނީ މިވެނި މިވެނި ކަހަލަ ވަޒީފާތަކެކޭ. އެހެންކަމަށް ވަންޏާ އެފަދަ ވަޒީފާއެއް އެ ޕޯޓަލްގައި ލިސްޓުގެންދިއުމާއެކު ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް ނޫނީ އީމެއިލްގެ ޒަރިއްޔާއިން އެ މައުލޫމާތު ފޯރުކުރެވިގެންދާނެ”
ފައްޔާޒު

މިނިސްޓަރ ވިދާޅުވީ މި ޕޯޓަލްގެ ޒަރިއްޔާއިން ސިޔާސަތު ކަނޑައަޅަން ތިބޭ ފަރާތްތަކަށް ގިނަ މައުލޫމަތުތަކެއް ލިބިގެންދާ ކަމަށެވެ. އެގޮތުން އިންޑަސްޓްރީއަށް ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްކަން އެނގިގެންދާނެ ކަމުގައެވެ. އަދި އެދާއިރާާތަކުން މީހުން ބިނާކުރުމަށް ސަރުކާރުގެ ފަރާތުން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ޖޮބް ސެންތަރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިކަމަކީ މިހިސާބަށް ގެނެސް ދޫކޮށްލާނެ މަސައްކަތެއް ނޫންކަމުގެ ޔަގީންކަން މިނިސްޓަރ ދިވެހި ރައްޔިތުންނަށް ދެއްވާފައިވެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގައި ޖޮބް ސެންޓަރުގެ މަސައްކަތްތަކަށް ވަކި ޑިޕާޓްމެންޓެއް ހާއްސަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިޒްނަސް ސެންޓަރުތަކުގައި މި ހިދުމަތް ފިޒިކަލް ލިބޭނެ ގޮތްވެސް އަޅުގަނޑުމެން ގާއިމްކުރާނަން. އަދި އެއަސްވުރެ ދުރު މުސްތަގުބަލެއްގައި ހުރިހާ ރަށު ކައުންސިލްތަކުގެ ތެރޭގައި މި ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖައްސާނަން"
ފައްޔާޒު

މިނިސްޓަރ ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ވޯކްޕާމިޓް ދިނުމުގައި މި ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްތޯ ބަލައި، މި ޕޯޓަލްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ވޯކްޕާމިޓް ދޫނުކުރާނެ ކަމުގައެވެ. އަދި ވަޒީފާ ދިނުމުގައި ދިވެހިންނަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގަައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަހަރެއް ފުރިގެންދިޔައިރު މިހާތަނަށް 8،500 އާއި 9،000 އާ ދެމެދުގެ ވަޒީފާ އުފެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިޕޯޓަލްގެ ސަބަބުން ގިނަ ބަޔަކަށް އިތުރު ވަޒީފާތަކެއް ދެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.