ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމި، މައްސަލާގައި ހުކުމް އިއްވުން މި ނޮބެމްބަރުމަހުގެ 28 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މައްސަލާގައި ހުކުމް އިއްވުން ނޮވެމްބަރ 28 ގައި އޮންނާނެކަން ހާމަކުރެއްވީ، މިމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިސް ގާޟީ އަލީ ރަޝީދެވެ. ވިދާޅުވީ، މައްސަލާގައި ގޮތެއް ނިންމުން އޮންނަނީ އެދުވަހުގެ މެންދުރުފަހު 13:30 ގައި ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ، 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އިސް ގާޟީ އަލީ ރަޝީދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޟީ އަލީ ރަޝީދު ވިދާޅުވީ، މައްސަލަ ބެލުމަށް 5 ފަނޑިޔާރުން ހިމެނޭ ބެންޗެއް އެކުލަވާލެއްވީ، ދައުވާ ލިބޭ ފަރާތުން އެކަމަށް ސިޓީއަކުން ކޯޓުގައި އެދިވަޑައިގެންފައިވާތީ ކަމަށެވެ.

ގާޟީ ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީވަކީލު ވިދާޅުވީ، ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޟީ އަލީ ރަޝީދުއަށް ދައުވާ ލިބޭ ފަރާތުން އިތުބާރު ނުކުރާ ކަމަށާއި، އަލީ ރަޝީދު ބެންޗުގައި އިންވައިގެން އިންސާފު ލިބިދެވޭނެ ކަމަށް ދައުވާ ލިބިދޭ ފަރާތުން ގަބޫލު ނުކުރާ ކަމަށެވެ.

އަދި އެކަމާމެދު އަލީ ރަޝީދު އަމިއްލަފުލަށް ވިސްނާވަޑައިގަތުމަށާއި، އިޢުތިރާޒާމެދު ގޮތެއް ނިންމަން އެދިވަޑައިގެންނެވިއެވެ. އަދި އެހެން ގާޟީންނަށް އިތުބާރުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ފުރުސަތު ހޯއްދަވައިގެން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ކޯޓުން އިންސާފު ލިބިފަވާ މީހެއް ނޫން ކަމަށާއި، ދައުވާއާ ނުގުޅޭ މައްސަލައެއްގައި އެމަނިކުފާނު ވަނީ ޖަލަށްލައި އިންސާފުން މަހްރޫމް ކޮށްފައި ކަމަށެވެ. އަދި އެމަނިކުފާނު ކުރެއްވި މަސައްކަތުން ހޯއްދަވައި ބޭންކަށް ޖަމާކޮށްފައިވާ ފައިސާ ފްރީޒްކޮށްފައިވާ ކަންވެސް ފާހަގަ ކުރެއްވިއެވެ.

އިސް ގާޟީ އަލީ ރަޝީދާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، ގާޟީ އަލީ ރަޝިދާއާމެދު ހިތް ނުތަނަވަސްވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން މައްސަލައާއިގެން ކުރިއަށް ދިއުމުގައި އެކަމަށް ރިއާޔަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިންސާފު ލިބޭގޮތަކަށް މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީނާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލު ނުކުތާ ނެންގެވުމުން، 10 ވަރަކަށް މިނެޓަށް ޝަރީއަތް މެދުކަނޑާލެއްވިއެވެ. އެއީ، ފަނޑިޔާރުންގެ ބެންޗުން އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމެވުމަށެވެ.

އެއަށްފަހު ޝަރީއަތުގެ މަޖިލީސް އަލުން ފެށުމަށްފަހު އިސް ގާޟީ އަލީ ރަޝީދު ވިދާޅުވީ، އެމަނިކުފާނު މީޑިއާއާ ހިއްސާ ކުރެއްވި ވާހަކަތައް ފަނޑިޔާރުންގެ ގަވާއިދުގައި ބުނެފައިވާ ކަންތައްތަކަށް ނުފެތޭ ކަމަށް ބެންޗުން ނިންމާފައިވާ ކަމަށެވެ.

އަދި މީޑިއާގައި ދެއްކެވި ވާހަކަތަށް ރިއާޔަތް ކުރައްވައި ގާޟީ އަލީ ރަޝީދު ވިދާޅުވީ، ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭގޮތުން މީޑިއާއަށް އެއްވެސް މައުލޫމާތު ހިއްސާ ނުކުރައްވާ ކަމަށެވެ.

ގާޟީ އަލީ ރަޝީދު ވިދާޅުވީ، މައްސަލައިގެ ލިއުންތައް ބަލައި ރަނގަޅަށް ދިރާސާ ކުރުމަށްފަހު ފަނޑިޔާރުންގެ ބެންޗުން މައްސަލާގައި އިންސާފުވެރި ފައިސަލާއެއް ކުރައްވާނެ ކަމަށެވެ. އެކަމުގައި އެއްވެސް ފަނޑިޔާރަކު ވަކި ފަރާތަކަށް ނުޖެހޭނޭ ކަމަށްވެސް ވިދާޅުވިއެވެ.