"ޝެއަރ ޔުއަރ ސްމައިލް ވިތު ދަ ވޯރލްޑް. އިޓްސް އަ ސިމްބަލް އޮފް ފްރެންޑްޝިޕް އެންޑް ޕީސް" މިއީ 1970 ގެ ފަހުކޮޅު މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި މޮޑެލް އަދި އެކްޓްރެސްއެއް ކަމަށްވާ ކްރިސްޓީ ބްރިންކްލީގެ ހަރުބަހެކެވެ.

ހިނިތުންވުމަކީ މީހާގެ އެތެރެފުށުގެ ރީތިކަމާއި ސާފުކަން ދައްކުވައިދޭ ކަމެކެވެ. ހިތްތިރިކަމާއި ސާދާކަން ވެސް ދައްކުވައިދޭ ކަމެކެވެ. ހިނިތުންވުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެކަކުއަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމާއެކު ބައްދަލުވުމަކީ ދަރުމައާއި ސަވާބު ލިބޭ ކަމެއް ކަމަށް ކީރިތީ ރަސޫލާ ވަނީ ހަދީސްކުރައްވާފައެވެ.

މި ރީތި، މާތް ސިފައިގެ މަތިން ގިނަ ފަހަރު އަޅުގަނޑުމެން ހަނދާން ނެތުނު ނަމަވެސް، ގުދުރަތުން މި ސިފަ ދެއްވާފައިވާ އެތައް ބަޔަކު ވެސް ވެއެވެ. އެފަދަ މީހަކާ ބައްދަލުވުމުން އަނެކާއަށް އުފާވެރިކަމުގެ އިހުސާސް ގެނެސްދެއެވެ. އެންމެ ހިނިތުންވުމަކުން "ހިތް އަތުލައިފި" އޭ ޝާއިރުން ބުނާތީ ވެސް އަޑުއަހަމެވެ.

ކްރިސްޓީ ބްރިންކްލީ

ދައްކަން މިއުޅެނީ ކްރިސްޓީގެ އެ "ނަލަ" ހިނިތުންވުމުގެ ވާހަކައެއް ނޫނެވެ. އަދި އޭނާގެ ހުނަރުވެރިކަމުގެ ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ދައްކަން މިއުޅެނީ ހަމަގައިމުވެސް ރީތި، ނަލަ ހިނިތުންވުމެއްގެ ވެރިއެއްގެ ވާހަކައެވެ. ހުރިހާ ގޮތަކުން ވެސް ވެރިއެކެވެ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތީ ގާތްގަނޑަކަށް 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވާފައެވެ. އަޅުގަނޑު ވެސް މީޑިއާގެ ދާއިރާގައި އުޅޭތާ 12 އަހަރު ވެފައިވާއިރު ލައްކަގިނަ މެންބަރުންނާ ވެސް ބައްދަލުވެ އިންޓަވިއު ކުރެވިފައި ވާނެއެވެ. ނަމަވެސް އެމަނިކުފާނަކާ އޭރަކު ހަމައެއްގޮތަކަށް ވެސް ބައްދަލުވެފައެއް ނުވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަޅުގަނޑާ އެންމެ ފުރަތަމަ ބައްދަލުވީ ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް މަސްދުވަހަށް ކުޑަތަންވެފައި ހުއްޓައި ބޮޑު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން "ޚާއްސަ ބަސްދީގަތުމަކަށް" ވީމީޑިއާއަށް ވަޑައިގެންނެވި ރެއެވެ. އެމަނިކުފާނާ އިންޓަވިއު ކުރީ އަޅުގަނޑެއް ނޫނެވެ. ނަމަވެސް ވަރަށް ގާތުން ވާހަކަދައްކާލަން ފުރުސަތު ލިބުނެވެ. އެމަނިކުފާނަށް އިސްތިގުބާލު ކުރުމަށް އެރޭ އޮތް ޓީމުގެ ތެރޭ އަޅުގަނޑު ވެސް ހުރީމެވެ. ސަލާން ކުރައްވަމުން ވަޑައިގެން އަޅުގަނޑާ ވެސް ސަލާން ކުރައްވައި ހާލުއަހުވާލު އެއްސެވިއެވެ.

އަޅުގަނޑު އަޅައިގަތީ ހަމަ އެންމެ ކަމެއްގައެވެ. އެ މަނިކުފާނުގެ އެ ހިތްގައިމު ހިނިތުންވުމުގައެވެ. ވީއުފަލުން އަޅުގަނޑަށް ހިނިތުންވެވުނު ބޮޑުމިން ނުވެސް އެނގެއެވެ. ބެހެއްޓެވި ގާތްކަމުން ދިމާވީ އަލަށްކަން އިހުސާސް ވެސް ނުކުރެވުނެވެ. އިންޓަވިއު ފެށުމުގެ ކުރިން މީޓިންރޫމްގައި ހޭދަކުރެއްވި ވަގުތުކޮޅުގައި އަޅުގަނޑުގެ މަސައްކަތަށް ތައުރީފުކުރައްވައި ހިތްވަރުދެއްވިއެވެ. ސީދާސީދާ އޭގެ ކުރިން ދުވަހަކު ބައްދަލުނުވިޔަސް، ޓީވީ ސްކްރީނުން އަޅުގަނޑާ ބައްދަލުވެ ގާތްކަމެއް އުފެދިފައިވާކަމުގެ އިހުސާސް ކުރެވުމުން ވަރަށް އުފާވިއެވެ.

ރައީސް ސޯލިހާއި އަޅުގަނޑާ އެންމެ ފުރަތަމަ ބައްދަލުވި ރޭ

އޭގެ ފަހުން އަޅުގަނޑާ އެމަނިކުފާނާ ބައްދަލުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ފަހުކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ބޮޑު ޖަލްސާގެ ތައްޔާރީގެ ތެރެއިންނެވެ. ވީޓީވީން ވެސް އެ ޖަލްސާ ލައިވްކުރާތީ އިރުއޮއްސުނު ވަގުތު އަޅުގަނޑު ވެސް ދިޔައީ ކާނިވާ ސަރަހައްދުގައި ތައްޔާރީތައް ހިނގާގޮތް ބަލައިލުމަށެވެ. ބޮޑު ޖަލްސާގެ ތައްޔާރީތައް ކުރަމުންދިޔަ ޓީމުތަކަށް ހިތްވަރުދެއްވުމުގައި "ވަރަށް ފޯރީގައި" އެތަނުގައި އެމަނިކުފާނު އިންނެވިއެވެ. އެދުވަހު ދުވާލު އޮފީހުގައި އުޅުމަށްފަހު ނުކުމެލެވުނު ވަގުތުކޮޅަށް ވުމުން އަޅުގަނޑު އުޅުނީ ދަރިފުޅު ވެސް ގޮވައިގެނެވެ. ދަރިފުޅަށް ވެސް ޓީވީން އޮތީ "އިބޫ" ދަސްވެފައެވެ. އެހެންކަމުން އެކުގައި ފޮޓޯއެއް ނަގަން ބޭނުންވިއެވެ. މާބޮޑުކަމެއް ކުރާކަށް ނުޖެހުނެވެ. ހަމައެކަނި ޖެހުނީ ކުޑަކޮށް ފެންނަފަށަށް ޖެހިލާށެވެ. ދަރިފުޅާ ސަލާންކުރައްވައި ގާތްކޮށްލައްވައި އުނގުމަތީ ބައިންދަވައި ކުޑަކުދިންގެ ބަހުރުވައިން ވާހަކަދައްކަވައި ހެއްދެވިއެވެ. އެއްކަލަ ސާދާ ހިނތުންވުމާ އެކުގައެވެ.

ދެން އައީ އަޅުގަނޑާއި އެމަނިކުފާނުގެ ތިންވަނަ ބައްދަލުވުމެވެ. އެމަނިކުފާނަށް ވެސް އަދި މުޅި ގައުމަށް ވެސް ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. ރިޔާސީ އިންތިޚާބުގެ ދުވަހާ ވިދިގެންއައި ދުވަހެވެ. ހއ.ތުރާކުނުން ފެށިގެން ސ.ގަމާ ހަމައަށް، މުޅި ރާއްޖެ އެކީއެކައްޗަކަށް ދިޔައީ އުފާފާޅުކުރަމުންނެވެ. ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނާއިބުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ ފައިސަލް ނަސީމަށް މަރުހަބާ ދެންނެވުމުގެ ބޮޑު ހަރަކާތެއް އެދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީ އޮތެވެ. ވީޓީވީން ވެސް މަންޒަރުތައް ދުރަށްދައްކަމުންދާތީ އަޅުގަނޑު ވެސް އެ ސަރަހައްދަށް ގޮސް ކުރޫއާ ގުޅުނީމެވެ. އެވަގުތު ދެބޭފުޅުން ތިއްބެވީ ޓީވީތަކުގެ ލައިވް ކުރޫ ވެސް ހަރަކާތްތެރިވަމުންދިޔަ ޕިކަޕްގައެވެ. އަޅުގަނޑު ވެސް ޕިކަޕުގެ ފަހަތަށް އަރައި މަންޒަރު ބަލަން ފެށީމެވެ. މުޅި ހިސާބުގަނޑު އޮތީ ފުރިފައެވެ. އައު ރައީސާއި ނައިބާ ސަލާންކޮށް ސެލްފީ ނެގުމުގައި ޕިކަޕް ވަށައިގެން އޮތް ކިޔޫތަކުގައި ތިބި މީހުންގެ މޫނުމަތިން އާދަޔާ ޚިލާފު އުފާވެރިކަމެއް ދުށީމެވެ. ސެލްފީގެ ފޯރިގަދަވެގެން އެންމެ ފަހުން ރައީސް ޕިކަޕުން ފައިބައިވަޑައިގަތީއެވެ. އެ ފޯރި ފެނިފައި ރައީސާ އެކު ސެލްފީއެއް ނެގުމަށް އަޅުގަނޑުގެ ހިތްވެސް އެދުނެވެ. ތަންވަޅު ބަލާފައި ފެނިލުމުން މިފަހަރުވެސް ބޭނުން ފުދިއްޖެއެވެ. ސެލްފީގެ އުފަލާއެކު އެއްކަލަ ހިނިތުންވުން ދެކިލުމުގެ އުފާވެސް ލިބިއްޖެއެވެ.

ރައީސް ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވި ދުވަހާ ވިދިގެންއައި ދުވަސް

އަނެއްކާވެސް އޭގެ މަސްދުވަސް ފަހެވެ. އެއީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެންމެ ބޮޑު އުފާ ލިބުނު ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގެން ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާއިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރައްވައި ހިތްވަރުދެއްވުމުގެ ގޮތުން މީޑިއާ ސްޓޭޝަންތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވީމީޑިއާއަށް ޒިޔާރަތް ކުރެއްވި ދުވަހެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަސްތެރޭ އަބުރުގެ ގާނޫނު އުވާލައްވައި މީޑިއާ އެޅިފައި އޮތް ކަސްތޮޅުން ނައްޓުވައި ރައްކާތެރިކަން ހޯއްދަވައިދެއްވާނެ ކަމަށް ވީމީޑިއާގެ މުވައްޒަފުންނާ މުޚާތަބުކުރައްވައި ވިދާޅުވި ވިދާޅުވުމަކީ އަޅުގަނޑަށް ވެސް ލިބުނު ބޮޑު އުފަލެކެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ހަމަގައިމުވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ތިބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގައި، ނޫސްވެރިންގެ ބައިވެރިއެއްގެ ގޮތުގައި. ނޫސްވެރިންނަށް ހުރި ގޮންޖެހުންތައް ނެތިކޮށްލުމަށްޓަކައި މިވަގުތު އެންމެ ބޮޑު ހުރަހަކަށް ވެފައި އޮތް އަޅުގަނޑުމެން މިކިޔާ އަބުރުގެ ގާނޫނު އުވާލުން އެއީ އަޅުގަނޑުމެންގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި އޮތް އެއްކަންތައް. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ. އެނޫންވެސް ގޮތްގޮތުން ނޫސްވެރިންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއްކޮށް، ނޫސްވެރިކަން ފުޅާކޮށް ތަންމިނަށް ހުޅުވިގެންދާނެ"
ރައީސް ސޯލިހު

ރައީސްގެ އެބަސްފުޅަކީ އަޅުގަނޑަށް ވެސް ބޮޑު އުފަލެކެވެ. އަދި އެމަނިކުފާނުގެ ވައުދާ އެއްގޮތަށް އެކަން ކުރައްވާފައި ވުމީ ވަކިން ބޮޑު އުފަލެކެވެ. ނަމަވެސް އެންމެ ބޮޑު އުފަލަކީ އެއެއް ނޫނެވެ. ދަރުމަ ގުރޫޕުގެ ހެޔޮއެދުންތަކާއެކު ވީމީޑިއާގެ މެނޭޖްމަންޓުން ފަހިކޮށްދިން ފުރުސަތެއްގައި އުމްރާގެ އަޅުކަމުގެ ނަސީބު އެދުވަހު އަޅުގަނޑަށް ލިބުނެވެ. އެ ނަސީބު ލިބުނީ ރައީސްގެ އަތްޕުޅުން ނެންގެވި ގުރުއަތަކުންނެވެ. އުންމީދުވެސް ނުކޮށްހުއްޓައި ކުއްލިއަކަށް ލިބުނު ބޮޑު އުފަލާއެކު، ނަސީބަކީ ކަތީބަކު ދެއްވާ އެއްޗަކަށް ނުވިޔަސް، ނަސީބަކީ ރައީސަކު ދެއްވާ އެއްޗެއްބާއޭ ވެސް އެވަގުތު ހިތަށް އެރިއެވެ. އަދި އެރާގުގައި ރައީސާ ކުޑަކޮށް ސާމާސާ ވެސް ކޮށްލެވުނެވެ. އެ އުފަލުގެ ތެރެއިން ވެސް އެއްކަލަ ޗާލު ހިނިތުންވުމުން އިތުރަށް ހިތްފުރުނެވެ.

ސީދާ ރައީސް ސޯލިހާއި އަޅުގަނޑާ ބައްދަލުވީ ދެނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރަސްމީ ހައިސިއްޔަތުން ރަސްމީ އޮފީހުންނެވެ. އެއީ ރާއްޖޭގެ ރައީސަކު މޯލްޑިވްސް މީޑިއާ ކައުންސިލާ ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އަޅުގަނޑަކީ ވެސް އެ ކައުންސިލުގެ މެންބަރަކަށް ވުމުން އެމަނިކުފާނާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ދިޔައީމެވެ. ރަސްމީ ބައްދަލުވުމުގެ ތެރެއިން ވެސް ފެނިގެންދިޔައީ އެއްކަލަ ސާދާކަމެވެ. ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ވަކިވަކިން މެންބަރުންނާ ސަލާންކުރައްވައި ވާހަކަދައްކަވައި ހެއްދެވިއެވެ. އެއީ އަޅުގަނޑާއި އެމަނިކުފާނާ ބައްދަލުވި ފަސްވަނަ ފަހަރެވެ. ސަލާމަށް ދިއްކޮށްލި އަތުގައި ހިއްޕެވުމާއެކު ސަމާސާރާގުގައި ވިދާޅުވި އެއްޗަކުން އަޅުގަނޑު ގާތަށް ވަރަށް ހިނިއައެވެ. ފަހުންވެސް ހިނިއައެވެ. އެއްޗެއް ވިދާޅުނުވި ނަމަވެސް ހިނިއައީހެވެ. އެމަނިކުފާނުގެ ހިނިތުންވުން އެކަނިވެސް އެކަމަށް ފުދެއެވެ.

ދެން އައީ އަޅުގަނޑާއި އެމަނިކުފާނުގެ ހަވަނަ ބައްދަލުވުމެވެ. އެއީ ވަރަށް ތަފާތު ބައްދަލުވުމެކެވެ. ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ރޭ ހެންވޭރުކޮޅުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ޝައުނާގެ ޖަނާޒާގެ ތެރެއިންނެވެ. ވީޓީވީން ލީޑްކުރަމުންދިޔަ ބޮޑު ކަވަރޭޖް މެންދަމުންއަލިވެ 3:30 ހާއިރު ނިންމާލުމަށްޓަކައި އަޅުގަނޑާއި އަދި އެހެން ސީނިއާ ނޫސްވެރިޔަކާ ދެމީހުން ދިޔައީ އާސަހަރާއަށެވެ. އެއީ އައިޖީއެމްއެޗުން ސަހަރާއަށް ޝައުނާގެ ހަށިގަނޑު ގެންދެވުނު ވަގުތެވެ. އެހެންކަމުން ރައީސް ވެސް ހިތާމައިގައި ބައިވެރިވެވަޑައިގެން އާއިލާއަށް ހިތްވަރުދެއްވުމަށް އެތަނަށް ވަޑައިގަތެވެ. ސަހަރާއަށް ވަދެވަޑައިގަތްއިރު ފެނުނީ އޭގެ ކުރިން ދުވަހަކު ވެސް ނުފެންނަ މޫނެކެވެ. މުޅި ގައުމަށް ވެރިވެފައިވާ ފުން ހިތާމަ ފާޅުވާން ހުއްޓެވެ. ނަމަވެސް އެތެރެއަށް ވަދެވަޑައިގަތް ވަގުތު ރައީސަށް އަޅުގަނޑު ފެނިވަޑައިގަތުމުން އެ ހާލަތާ ގުޅޭ މިންވަރުގެ ހިނިތުންވުމެއް ދެއްވިއެވެ.

ރައީސް ސޯލިހުގެ އެ ހިނިތުންވުމުން އުފާވެރިކަން ލިބެނީ އަޅުގަނޑަށް އެކަނި ނޫންކަން ޔަގީނެވެ. އެއީ ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ވެސް އެތައް ހިތެއް ފަތަހަކުރެއްވި ހިނިތުންވުމެކެވެ. ކުދިބޮޑު އެތައް ރައްޔިތަކާއެކު ނެންގެވި ސެލްފީތަކުން ވެސް އެ ހިނިތުންވުމުގެ ހިތްގައިމުކަން މުޅި ރާއްޖެއަށް ވަނީ ފެނިފައެވެ. އެ ހިނިތުންވުމުން ރާއްޖޭގެ ރައްޔިތުން އުފާހޯދަމުންދާތާ މިއަދު އަހަރު ދުވަސްވީއެވެ. ނަމަވެސް އެ ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. ފަނޑުކަމެއް ނާދެއެވެ. ރައީސްގެ އެ ހިނިތުންވުމުން އެތައް ބަޔަކަށް ވަނީ ހިނިތުންވުން ގެނެސްދީފައެވެ.

ރައީސެވެ. ތިޔަ ހިނިތުންވުން ގެއްލުވައިނުލައްވައްޗެވެ! ރައްޔިތުންނެވެ. ރައީސްގެ ކިބައިން ނަމޫނާ ލިބިގަނެ އެކަކުއަނެކަކަށް ހިނިތުންވަމާ ހިނގާށެވެ! ސޯދުބެ ވިދާޅުވާ ފަދައިން "ލޯބިވެއޭ" ބުނަންކެރި، "ހިނިތުން" ވެސް ވާން ކެރެމާ ހިނގާށެވެ! ކްރިސްޓީ ބުނެފައިވާ ފަދައިން ތިބާގެ ހިނިތުންވުން ދުނިޔެއާ ހިއްސާކުރާށެވެ. އެއީ ރަހުމަތްތެރިކަމާއި ސުލްހައިގެ ނިޝާނެކެވެ.