ރާއްޖޭގެ 7 ކްލަބަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ކްލަބު ލައިސަންސް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނެފި އެވެ.

މިއަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ގެއްލުނީ މުއްދަތު ހަމަވިއިރުވެސް، ކްލަބު ލައިސަންސްއަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ އެވެ. ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމުން، އޭރު ކުޅިވަރާ ބެހޭ ވަޒީރު ވަނީ މައްސަލަ ބެލުމަށް ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. އެކަމަކު ފީފާއިން އިންޒާރު ދިނުމުން އެ މައްސަލަ ނުބެލުމަށް ވަޒީރު ނިންމެވި އެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިޔުން އެފްއޭއެމްއަށް އަމާޒުވިއިރު، އެފްއޭއެމްއިން އޭރު ބުނީ ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބުތަކުން ލިޔެކިޔުންތައް ހަމަނުކުރުމުގެ ސަބަބުން ކަމަށެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 9 ކްލަބުގެ ތެރެއިން 6 ކްލަބަކަށް މިހާރު ފުރިހަމަ ލައިސަންސް ލިބިފައިވާ ކަމަށެވެ. ރާއްޖޭގެ 7 ކްލަބަކަށް ލައިސަންސް ލިބުނުއިރު، ޖަވާ ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ކްލަބުތަކަށް ލައިސަންސް ލިބުނީ ރާއްޖެއަށް ކަމަށެވެ.

އޭއެފްސީގެ ކްލަބު ލައިސަންސް ލިބުނު ކްލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

ޖަވާ ވިދާޅުވީ ފޯކައިދޫ ފުޓްބޯލް ކްލަބަށްވެސް ވަގުތީ ލައިސަންސްއެއް ލިބިފައިވާ ކަމަށާއި، އެ ކްލަބުން ހުށަހަޅަން ހުރި ބައެއް ލިޔެކިޔުންތައް ހުށަހެޅުމާއެކު ފުރިހަމަ ލައިސަންސް އެ ކްލަބަށް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ކްލަބު ލައިސަންސް ނުލިބުނު ދެ ކްލަބުގެ ތެރެއިން ނިލަންދޫ ސްޕޯޓްސް ކްލަބަށް އޭއެފްސީން ލައިސަންސް ނުދިނީ އެ ކްލަބުން ފުޓްބޯޅަ ކުޅެފައިވާ މުއްދަތު މަދުވުމުން ކަމަށެވެ. ނަމަވެސް ނިލަންދޫންވެސް މިފަހަރު ލިޔެކިޔުންތައް ހަމަކުރި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެކަމަކު ލީގުގެ ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލައިސަންސް ނުލިބުނީ ލިޔެކިޔުންތައް ހުށަނޭޅުމުން ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން ވިކްޓަރީން ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ، އެކަން މި މަހުގެ 15 ގެ ކުރިން ނިންމުމަށް އެފްއޭއެމްއިން ވަނީ އެ ކްލަބަށް އަންގާފައެވެ. އަދި އެ މުއްދަތުގައި ލިޔުންތައް ހަމަނުކޮށްފި ނަމަ، އެ މައްސަލަވެސް ބަލާނެ ކަމަށްވެސް ވަނީ އަންގާފައެވެ.

އެފްއޭއެމް ކްލަބު ލައިސަންސް އޮފިސަރު އަބްދުﷲ ޝިބާއު (ޝިބާ) ވިދާޅުވީ ރާއްޖޭގެ ގިނަ ކްލަބުތަކަކަށް ލައިސަންސް ލިބުނީ ކްލަބުތަކުގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ލައިސަންސް ކްލަބެއްގެ ގޮތުގައި ދެމި އޮންނަން އަންނަ އަހަރު ފުރިހަމަ ކުރަން ޖެހޭ އިތުރު ކްރައިޓީރިއާތައް ހުންނާނެ ކަމަށާއި އެ ގޮތުން ކްލަބްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮލިޓީ އިތުރުކުރުމާއި ޕްރިމިއާ ލީގުގެ ކޮންމެ ކްލަބެއްގައި 18 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޓީމެއް އޮތުން ލާޒިމު ކަމަށްވެސް އޭނާ ބުންޏެވެ.

އޭއެފްސީ ކްލަބު ލައިސަންސް ކަންތައްތައް ފަސޭހަ ކުރުމުގެ ގޮތުން މި އަހަރު މާޗު މަހު އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ކްލަބުތަކަށް ދޭ ލޯކަލް ލައިސަންސްގައި ވެސް އޭއެފްސީ ކްލަބު ލައިސަންސްއާ އެއް ފެންވަރަށް ގެންދިއުމަށް ނިންމާފައެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ 7 ކްލަބަކަށް ކްލަބު ލައިސަންސް މިފަހަރު ލިބުނުއިރު، ކްލަބް ލައިސަންސަށް ހޭލުންތެރި ކުރުމުގެ ގޮތުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށްވެސް ލިޔެކިޔުންތައް ފުރިހަމަކުރަން ލާޒިމުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.