ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އަންނަ އަންގާރަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

ރެނދުލުމާއި ގުޅިގެން ބަންދުކުރި ގައުމީ ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ސިޑިބަރިތައް ހުޅުވާނުލުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމާފައިވާތީ މި މެޗަށްވެސް ވިއްކާނީ 3000 ޓިކެޓެވެ. އެގޮތުން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓް ވިއްކާނީ ފީފާ ގަވައިދުގައިވާ ގޮތަށް ގުއާމް ސަޕޯޓަރުންނަށެވެ. ޓިކެޓް ވިއްކުން މިއަދު ހަވީރު 16:15 ގައި ފަށާފައިވާއިރު، މިރޭ 20:00 އިން 22:00 އަށްވެސް ގައުމީ ފުޓްބޯޅަ ދަނޑުން ޓިކެޓް ވިއްކާނެ އެވެ. އަދި މާދަމާގެ އިތުރަށް އަންގާރަ ދުވަހުގެ ހެނދުނުވެސް ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ޓިކެޓްގެ އަގުތައް އުޅެނީ 100ރ އާއި 150ރ ގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗުން ފިލިޕީންސް އަތުން 2-1 އިން ރާއްޖެ ބަލިވިއިރު، މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ގުއާމް މެޗުން މޮޅުވުން މުހިންމެވެ.

ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 4 މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ 4 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 4 މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.